09 Oct 2021, 18:13
އަަފްޣާނިސްތާނުގެ ކޯޓުތަކުގައި ފަނޑިޔާރުންގެ ގޮތުގައި މަސައްކަތްކުރި އެތައް އަންހެން ފަނޑިޔާރުންތަކެއް، އަންހެނުންނާ ގުޅުން ހުރި މައްސަލަތަކުގައި އެ މީހުން ހުކުމް އިއްވި މީހުންގެ ފަރާތުން ބޮޑެތި ނުރައްކާތަކަކާ ކުރިމަތި ލާން ޖެހިއްޖެއެވެ.
އަފްޣާނިސްތާނުގެ ވެރިކަން ހިންގުމުގެ ބާރު ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް ދިޔުމާއެކު އެ ގައުމުގެ ގިނަ ކަންތައްތަކެއް ވަނީ ވަރަށް ބޮޑަށް ބަދަލުވެގެން ގޮސްފައެވެ.
އަދި ވެރިކަމާ ހަވާލުވުމަށްފަހު އެ ގައުމުގެ ޖަލުތަކުގައި ތިބި ގިނަ އަދަދެއްގެ ކުށްވެރިން ވަނީ ޖަލުތަކުން މިނިވަންކޮށްފައެވެ. އެއާއެކު 220އަށްވުރެ ގިނަ އަންހެން ފަނޑިޔާރުންނަށް ގިނަ ނުރައްކާތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
އެގޮތުން އަންހެނުނަށް ކުރާ ރޭޕް، ޓޯޗާ، އަދި މަރުގެ މައްސަލަތަކުގައި އަަންހެން ފަނޑިޔާރުން ހުކުމްކޮށްފައިވާ ފިރިހެން ކުށްވެރިންގެ ފަރާތުން މިހާރު ގިނަ އިންޒާރުތަކާއި ނުރައްކާތައް ކުރިމަތިވަމުން އަންނަކަމަށް އަންހެން ފަނޑިޔާރަކު ބުނެފައިވެއެވެ.
ބީބީސީއަށް އިންޓަވިއު ދިން ކުރީގެ ފަނޑޔާރެއްކަމަށްވާ މައުސޫމާ (އަސްލު ނަމެއް ނޫން) ބުނި ގޮތުގައި ތާލިބާން ޖަމާއަތުން ވެރިކަމާ ހަވާލުވެ މާ ގިނަ ދުވަސްތަކެއް ނުވެ އޭނާ ދިރިއުޅޭ ސިޓީގެ ކުށްވެރިން ދޫކުރުމާއެކު އޭނާއަށް މަރުގެ އިންޒާރުތައް ލިބެން ފެށިއެވެ. އެ އިންޒާރުތައް ލިބެމުން އައީ ފޯނަށް އަންނަ ޓެކްސްޓް އަދި ވޮއިސް މެސެޖުތަކުގ އިތުރުން ގުޅާ ގޮތް ނޭނގޭ ނަމްބަރުތަކުން ކަމަށް ބުންޏެވެ.
"އެއީ ދަންވަރުގެ ވަގުތު، އަހަރުމެންނަށް އަޑު އިވުނީ ޖަލުތަކުން ކުށްވެރިން މިނިވަންކުރިކަމުގެ ޚަބަރު. ވަގުތުން އަހަރުމެން ގެ އާ ދެން ވެސް ހުރި އެއްޗެއް ބަހައްޓާފައި ފިލީ،" މައުސޫމާ ބުންޏެވެ.
ތާލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ވެރިކަމާ ހަވާލުވުމުގެ މަސްތަކެއް ކުރިން މައުސޫމާ ބަލަމުން ގެންދިޔައީ އެ ޖަމާއަތުގެ މީހަކު އޭނާގެ އަންހެނުން އަނިޔާވެރި ގޮތެއްގައި މަރާލި މަރުގެ މައްސަލައެކެވެ. އެ މައްސަލައިގައި އެ ފިރިހެން މީހާ ކުށްވެރިކަމަށް ސާބިތުވުމާއެކު 20އަހަރުގެ ޖަލު ހުކުމް އިއްވީ މައުސޫމާއެވެ.
"އަަހަންނަށް އަދިވެސް އެ އަންހެން މީހާގެ ތަސްވީރު ސިފަވޭ، އެއީ ލާ އިންސާނީ އަމަލެއް،" މައުސޫމާ ބުންޏެވެ.
މައުސޫމާ އޭނާއަށް ހުކުމް އިއްވުމަށްފަހު އެ މައްސަލަ ނިންމާލުމުން އޭނާއަށް ދިމާއަށް ކުށްވެރިވި ފިރިހެން މިހާ އިންޒާރު ދީފައިވާކަމަށް އޭނާ ބުންޏެވެ. އެގޮތުން ޖަލުން މިނިވަންވި ދުުވަހަކުން އޭނާގެ އަންހެނުންނަށް ހެދި ގޮތް މައުސޫމާއަށް ވެސް ހަދާނެކަމަށް އިންޒާރު ދިނެވެ.
ނަމަވެސް އެއިރު އޭނާ އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް މިއަދު އޭނާއަށް ވަނީ އެކަމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ.
މައުސޫމާ ބުނި ގޮތުގައި އޭނާ ފިލި ފަހުން އޭނާގެ ގެ އަށް ތާލިބާން ޖަމާއަތުގެ މީހުން އައިކަމަށް އޭނާގެ އަވަށްޓެރިން ބުންޏެވެ. އަދި ހޯދަން އައި މީހުންގެ މައުލޫމާތު އެނގުމާއެކު އެއީ ކޮންބައެއްކަން އޭނާއަށް އެނގުނުކަމަށް އޭނާ ބުންޏެވެ. އަދި އެއީ އެ މައްސަލައިގައި އޭނާ ހުކުމް އިއްވި ފިރިހެން މީހާކަން ވެސް އޭނާއަށް އެހާ ހިސާބުން އެނގުނެވެ.
ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި 270އަށްވުރެ ގިނަ އަންހެނުން ވަނީ ފަނޑިޔާރުކަން ކޮށްފައެވެ. ބީބީސީން އަފްގާނިސްތާނުގައި ހިންގި ތަހުގީގުން އެނގޭ ގޮތުގައި ބިރުވެރިކަމާއި ނުރައްކަލުގެ ތެރޭ 220އަށްވުރެ ގިނަ ފަނޑިޔާރުން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ފިލައިގެން އުޅެމުން އެބަގެންދެއެވެ. އަދި ކޮންމެ ފަނޑިޔާރެއްގެ ވާހަކައިން ވެސް ބިރުވެރި އެތައް ވާހަކައެއް އަންނަނީ ހާމަވަމުންނެވެ.