ބްރޯޑްކާސްޓް ކުރުމާއި ރީ ބްރޯޑްކާސްޓީން ގަވާއިދު އެކުލަވާލުމާއި ލައިސަންސް ނޫނީ ފްރީކްއަންސީ ދޫކުރުމުގެ މިންގަނޑު އެކުލަވާލުމަށް ބައްދަލުވުމެއް ބާއްވައިފި އެވެ.

މިއަދު ބޭއްވި އެ ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ޑިރެކްޓަރު ހުސައިން އާލިމް ޝަކޫރު މިއަދު ވިދާޅުވީ ބްރޯޑްކާސްޓިން އަދި ރީ ބްރޯޑްކާސްޓިން ގަވާއިދާއި ފްރީކުއެންސީ ޕްލޭނެއް އެކުލަވާލުމާ ބެހޭ ގޮތުން މިއަދު މަޝްވަރާ ކުރި ކަމަށެވެ.

އޭނާ ވިދާޅުވީ ބްރޯޑްކާސްޓިން އަދި ރީ ބްރޯޑްކާސްޓިން ގަވާއިދާއި ފްރީކުއެންސީ ޕްލޭނެއް އެކުލަވާލާ އިރު ބޭނުންވަނީ އެންމެނަށް ފައިދާވާނެ ގޮތަކަށް އެ ގަވާއިދުތައް ހެދުން ކަމަށާއި އެހެންކަމުން ބްރޯޑްކާސްޓިން ދާއިރާއާ ގުޅުން ހުރި ފަރާތްތަކުގެ ލަފަޔާއި އިރުޝާދު ބޭނުންވާ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ބައެއް ބްރޯޑްކާސްޓަރުންނާއި ފުލުހުންނާއި ހިއުމަންރައިޓްސް ކޮމިޝަނުން ބައިވެރިވި ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ މިގޮތަށް އެއްޗެއް ތައްޔާރުކުރާ އިރު. އަޅުގަނޑުމެން ގަވާއިދެއް ހެދިކަމުގައި ވިޔަސް ގަވާއިދަކީ މުޅި އިންޑަސްޓްރީ ބަލައިގަންނަ، އެބޭފުޅުންގެ ވެސް ހިއްސާއޮވެ އެބޭފުޅުން ލަފާދީފައި އޮތް އެއްޗަކަށް ވުން،" ޝަކޫރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއަދުގެ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި ނަމަވެސް ކޮމިޓީ އިން ނިންމާފައި ވަނީ އަންނަ އާދީއްތަ ދުވަހު އިތުރު ބައްދަލުވުމެއް ބާއްވަން ކަމަށެވެ.