ވ. ކެޔޮދޫގައި ހުރި 300 އަށް ވުރެ ގިނަ އަހަރުވީ ނިކަ ގަސް އިއްޔެ ކަނޑައިލައިފިއެވެ.

ކެޔޮދޫ ކައުންސިލްގެ ރައީސް އަހްމަދު ސިރާޖު މިއަދު "ސަން"އަށް ވިދާޅުވީ ރަށުގެ މަލަމަތި ދައްކުވައިދޭ ނިކަ ގަސް ކަނޑާލަން ޖެހުނީ އެރަށު ސްކޫލުގެ ޖާގައިގެދަތިކަމުގެ ސަބަބުން އިތުރު ކްލާސްރޫމެއް އިމާރާތްކުރަން ކަމަށެވެ.

"ކްލާސްރޫމް ބަރިއެއް އަޅަންވެގެން ގަސް ކަނޑާލީ. ކޮންޓްރެކްޓަށް ހުށަހަޅައިގެން ބަޔަކު ލައްވާ އެ ގަސް ކަނޑާލީ،" ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ސްކޫލުގައި އެންމެ ބޮޑަށް ހިޔާދޭ އެ ނިކަ ގަސް ނުހުންނަ ހަނދާންވާ އެއްވެސް މީހަކު ރަށުގައި ނޫޅޭ ކަމަށެވެ.

ނިކަ ގަހުގެ އެކި ބައިތައް ރަށުގެ އެކި ސަރަހައްދުތަކުގައި އިންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެޔޮދޫ ކައުންސިލްގެ މެންބަރު އަހްމަދު އަސްލަމް "ސަން"އަށް ވިދާޅުވީ އެގަހަކީ ވަރަށް ކުރިން ފެށިގެން ހިމާޔަތްކޮށްފަ ހުރި ގަހެއް ކަމަށެވެ.

"އެއީ އަޅުގަނޑުމެން އެންމެ ކުޑައިރުން ފެށިގެން ވެސް ހިމާޔަތް ކޮށްފައި ހުރި ގަހެއް. އެއީ ރަށުގައި ހުރި އެންމެ ބޮޑު ތިން ގަސް ތެރެއިން އެއް ގަސް،" އަސްލަމް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އެންވާރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ސަން"އަށް ވިދާޅުވީ ކެޔޮދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާހެދި އިތުރު ކްލާސްރޫމްތަކެއް އެޅުމަށް އެގަސް ކެނޑުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

އާއްމުކޮށް މިފަދަ ގަސްތައް ކަނޑާލުމަށް ހުއްދަ ދެނީ އެ ގަސް ބަހައްޓައިގެން އިތުރަށް ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށް ނައީމް ވިދާޅުވިއެވެ.

ނިކަ ގަހަކީ ފަސޭހައިން ހެދޭނެ ގަހަކަށް ވުމުން ގަހުގެ ބައިބައި ނަގައިގެން އިންދޭނެ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

މި ނޫނަސް ގިނަ ދުވަސްތަކެއްވީ ބޮޑެތި ނިކަ ގަސް އެރަށުގައި ހުރެއެވެ.