09 Oct 2021, 09:07
ބޮލީވުޑްގައި އުފެދުނު އެންމެ މޮޅު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކާޖޮލް އާ ފިލްމަކަށް ސޮއިކޮށްފިއެވެ.
ބަތަލާ ރިވަތީ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ނަމަކީ "ދަ ލާސްޓް ހުރާ"އެވެ. ބަތަލާ ރިވަތީ އަކީ ސަލްމާން ޚާން އާއެކު "ލަވް" ކުޅުނު ބަތަލާއެވެ. ކުޅަދާނަ ބަތަލާ ކާޖޮލް އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސްގައި ސްޓްރީމްކުރި ފިލްމު "ތްރިބަންގާ" އިންނެވެ.
ކާޖޮލްގެ އާ ފިލްމުގެ ޝޫޓިން ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ކާޖޮލް ބުނީ މި ފިލްމު ކުޅެން އޭނާ އެއްބަސްވީ ފިލްމުގެ ވާހަކަ އޭނާއަށް ވަރަށް ބޮޑަށް ކަމުދިޔުމުން ކަމަށެވެ. އަދި އެ ކެރެކްޓާ ކުޅެލަން ބޭނުންވުމުންނެވެ. މި ފިލްމަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.
ފިލްމުގެ ޕްރީ ޕްރޮޑަކްޝަނުގެ މަސައްކަތްކުރިއަށްދާއިރު ބެލެވޭ ގޮތުގައި މި ފިލްމަކީ އަންނަ އަހަރު ސްކްރީނުތަކާ ހަމައަށް އަންނާނެ ފިލްމެކެވެ. ބަތަލާ ބުނީ މި ފިލްމު ވެގެންދާނީ ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ ވަރުގަދަ ފިލްމަކަށް ކަމަށެވެ.
އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެންދިޔައީ ފިރިމީހާ އަޖޭ ދޭވްގަން އާ ސައިފް ޚާން އާއެކު ކުޅުނު ފިލްމު "ތާނާޖީ: ދި އަންސަންގް ވޮރިއާ" އިންނެވެ.