އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި އުމުރުން ދުވަސްވީ މީހަކު ބަނދެގެން ފަރުވާ ދިނުމަށް އެ ފެސިލިޓީގެ ޑޮކްޓަރުން މަސައްކަތްކުރުމާއެކު އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އާއިލާގެ ފަރާތުން އެހީތެރިއަކު ބެހެއްޓުމުގެ ހުއްދަ ނުދީ ފަރުވާ ދިނުމުގައި ދަތިތަކާ ކުރިމަތިވާކަމަށް ބުނެެ އޭނާ ބަނުމަށް މަސައްކަތްކޮށްފައިވަނީ ފެސިލިޓީގައި ފަރުވާ ދެމުން އަންނަތާ 13 ވަރަކަށް ދުވަސް ފަހުންނެވެ. އެ މީހާއަކީ ނަފްސާނީ ބައެއް މައްސަލަތައް ހުރި މީހެކެވެ.

އޭނާގެ އާއިލާގެ ފަރާތުން އޭނާގެ ދަރިފުޅު އަބްދުﷲ ރަޝީދު "ސަން"އަށް ބުނީ ކޮވިޑަށް ޕޮޒިޓިވްވެ ފެސިލިޓީއަށް ގެންދިޔަ ދުވަހުން ފެށިގެން އޭނާގެ ބައްޕަގެ ގާތުގައި އެހީތެރިއަކު ބެހެއްޓުމަށް އެކަމުގެ ހުއްދަައަށް އެދިފައިވާނެކަމަށެވެ.

އަދި ބައްޕަގެ ގާތުގައި އާއިލާގެ މީހެއް ނެތި ފަރުވާ ދިނުމަށް ދަތިވާނެކަމަށް އެންމެ ފުރަަތަމަ ދުވަހުން ފެށިގެން ވެސް ބުނަމުން އަންނަކަމަށެވެ.

"އެގޮތުގެ މަތިން ބައްޕަގެ ގާތުގައި އާއިލާގެ ތެރެއިން ދަރިއަކު ބަހައްޓައިދޭން އެދުނީ. ދެން އެއިރު ހާލަތު ގޯހެއް ނޫން. އެކަމަކު ހުއްދަ ނުދިނުމުގެ ސަބަބުން ބައްޕަގެ ހާލަތު އައީ ގޯސްވަމުން. އެއްވެސް އެއްޗެއް ވެސް ނުކައި،" އޭނާ ބުންޏެވެ.

އޭނާ ވަނީ އެ ފެސިލިޓީގައި އޭނާގެ ބައްޕައަށް އެކަށީގެންވާ ގޮތެއްގައި އަޅާނުލާކަމުގެ ތުހުމަތު ވެސް ކޮށްފައެވެ. އަދި ކެއިން ބުއިމުގެ ކަންކަމުގައި ވެސް އަމަލުކުރާ ގޮތާމެދު އޭނާ ކަންބޮޑުވުން ފާޅުކުރިއެެވެ.

"އަޅުގަނޑުމެންނަށް ބައްޕަ ގެއްލިގެން މި ދަނީ ހަމަ މި މީހުން ކަންކަން ކުރާ ގޮތުން،" ކަންބޮޑުވުމާއެކު ރަޝީދު ބުންޏެވެ.

"ކާ އެއްޗެހި ގެނެސް ބަހައްޓާފައި ބުނަނީ، ކާށޭ. އެކަމަކު ބައްޕައަކަށް އެހެން ގެނަޔަކަސް ނުއެއް ކެވޭނެ. ދެން މިތާ ތިބޭ އުމުރުން ދުވަސްވީ ބަލި މީހުންނަށް ވެސް ދެނީ އެމީހުންނަށް ކެވޭ ކަހަލަ ކާާނާއެއް ވެސް ނޫން. އަޅުގަނޑު ވެސް އެތާ ހުއްޓާ އެ މީހުން އުމުރުން 85 އަހަރުގެ ބަލި މީހަކަށް ގެނެސްދިނީ މެކަރޯނީ ހަދާފައި،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެކި މީހުން މެދުވެރިކޮށް ބައްޕަގެ ގާތުގައި މީހަކު ބެހެއްޓުމަށް އެދިފައިވާކަމަށެވެ. ނަމަވެސް ފެސިލިޓީން އެކަމަށް ހުރަސް އަޅަމުން އަންނަކަމަށް އޭނާ ތުހުމަތުކުރިއެވެ.

"މިއަދު އެހެން ހުރެފައި ގުޅާލައިފައި ބުނެފި، ބައްޕަ ބަނދެފައި ބާއްވާށޭ ބޭނުމީ، ބަސްނާހާ އުޅެނިއްޔޭ. އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ހުއްދައެއް ނުދެވޭނެ،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ޔޫރިން ހޮޅި އެއް ގުޅަން ވެސް އެ ފެސިލިޓީއިން އެދިފައިވާކަމަަށެވެ. އަދި އެކަމަށް ވެސް ހުއްދަ ދޭން ބޭނުންނުވާކަމަށް އޭނާ ބުންޏެވެ.

އޭނާ ވަނީ އެއީ އޭނާގެ ބައްޕައަށް ގެއްލުންދީ ހާލު ގޯސްކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށްފައެވެ.

މި މައްސަލައިގައި ފެސިލިޓީގެ އިސްވެރިންނާ ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރުމުން ވެސް ގުޅޭ ގޮތް ވަނީ ނުވެފައެވެ.

އައްޑޫގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު ވެސް ވަނީ މަރު ވެފައެވެ. މަރުވެފައިވަނީ އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ މަރުވެފައިވަނީ މިއަދު ހެދުނު 07:50 ހާއިރުކަމަށް އައްޑޫ އިކުއޭޓްރިއަލް ހޮސްޕިޓަލުން ބުނެއެވެ. މި މީހާގެ މަރާއެކު މިއީ އައްޑޫ ސިޓީގައި ކޮވިޑް ޖެހިގެން މަރުވި ހަތަރު ވަނަ މީހާއެވެ.