އަންނަ ބުރާސްފަތި ދުވަހު ފަށާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކުގައި އެމްޑީޕީން އަމަލު ކުރާނެ ގޮތް ނިންމުމަށް މިއަދު ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުން ކެންސަލްކޮށް، ސިޔާސީ ޕާޓީތަކުގެ ސުލްހައިގެ ވާހަކަތަކަށް އެ ޕާޓީން ފުރުސަތުދީފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ޕާޓީން އަމަލު ކުރާނެ ގޮތް ނިންމުމަށް ބޭއްވި ޖަލްސާ ފަސްކުރީ މިރޭ ބާއްވާ ސުލްހައިގެ ވާހަކަތައް އަޑު އެހުމަށް ކަމަށެވެ. އަދި ސުލްހައިގެ ވާހަކަތަކުގައި އިށީނުމަށް ފަހު އެމްޑީޕީން ޑިމާންޑް ކުރަމުންދާ ކުއްލި އިންތިހާބުގެ ވާހަކަ ސުލްހައިގެ ވާހަކަތަކުގައި ނެތް ނަމަ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގައި އަމަލު ކުރާނެ ގޮތް ނިންމާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މިއަދު ބައްދަލުވުން ކެންސަލްކޮށްލީ. ސުލްހައިގެ ވާހަކަތަކަށް ފުރުސަތު ދިނުމުގެ ގޮތުން. އެވާހަކަތައް އަޑުއެހުމަށް ފަހު، ޑިމާންޑްކުރާ ކަންތައްތައް ނެތިއްޖެއްޔާ ދެން އަނެއްކާ ވެސް ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގައި އަމަލު ކުރާނެ ގޮތް ނިންމާނެ،" އިބޫ ވިދާޅުވި އެވެ.

އަންނަ ބުރާސްފަތި ދުވަހު ބާއްވާ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން ހުށަހަޅުއްވުމަށް އިޝާރާތް ކުރައްވައި ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ވަހީދަކީ ގާނޫނީ ހައިސިއްޔަތެއް ނެތް ބޭފުޅެއް ކަމަށާއި އެމަނިކުފާނު މަޖިލީހަށް ވަޑައިގަތުމަކީ އެތަން "ތަޣައްޔަރުވުން" ކަމަށެވެ. އެދި އެގޮތަށް ވެދިޔަ ނުދިނުމަށްޓަކައި އެދުވަހު މަގުމައްޗަށް ނުކުންނަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.