07 Oct 2021, 23:10
ސާފް ޗެމްޕިއަންޝިޕުގައި މިރޭ ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައި، ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
މިރޭ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުޅުނު މެޗުން ރާއްޖެ ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ރާއްޖެއަށް މުބާރާތުގައި ކުރިއަށްދާން ފުރުސަތު ބޮޑުވެގެން ދިޔައިރު، މިވަގުތު ރާއްޖެ އޮތީ ތިން ޕޮއިންޓާ އެކު ތިންވަނައިގައެވެ. މި މެޗުން ބަލިވި ބަންގްލަދޭޝް އޮތީ ހަތަރު ޕޮއިންޓާ އެކު ދެވަނައިގައެވެ.
މިރޭގެ މެޗަށް ރާއްޖެއިން ނުކުތީ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ބަދަލެއް ގެނެސްގެންނެވެ. އިބްރާހިމް އައިސަމްގެ ބަދަލުގައި ހުސަން ނިހާން ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުނު ނަމަވެސް ފުރަތަމަ ހާފުގެ ކުރީކޮޅު އަޝްހަދު އަލީ (އަޑުބަރޭ) އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ ބަދަލު ކުރަން ޖެހިފައެވެ. އަޑޭގެ ބަދަލުގައި އައިސަމް ކުޅެން ނުކުމެ އޭނާ ވަނީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.
ފުރަތަމަ ހާފުގައި ރާއްޖެއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަލީ ފާސިރު ސެންޓޭ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއާއި އަލީ އަޝްފާގުގެ ފްރީ ކިކަކީ ފުރަތަމަ ހާފުގައި ރާއްޖެއިން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާތެކެވެ.
ދެވަނަ ހާފު ރާއްޖެއިން ފެށީ ބަދަލަކާއެކުއެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގެ ބަދަލުގައި ހަސަން ނާއިޒް (ދާދު) ކުޅެން ނުކުން އިރު، ދެވަނަ ހާފުގެ 54 ވަނަ މިނަޓުގައި ރާއްޖެއަށް ލީޑު ނަގައިދިނީ ހަމްޒާ މުހައްމަދުއެވެ. ހަމްޕު އެ ގޯލު ފޮނުވާލީ އޯވާހެޑް ކިކަކުންނެވެ. މިއީ މިފަހަރުގެ މުބާރާތުގެ އެންމެ ރީތި އެއް ގޯލެވެ.
ރާއްޖޭގެ ގޯލާއެކު ދިވެހި ޓީމަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔައިރު، ބަންގްލަދޭޝްގެ ޑިފެންސަށް ވަނީ އިންތިހާއަށް ބާރުބޮޑުވެފައެވެ. ނަތީޖާއަކަށްވީ ދާދު އޭރިއާ ތެރެއަށް ވަތް ވަގުތު ބަންގްލަދޭޝް ޓީމުން ފައުލުކޮށް ރާއްޖެއަށް ޕެނަލްޓީއެއް ދިނުމެވެ.
ޕެނަލްޓީ ފޮނުވާލީ އަޝްފާގުއެވެ. ކީޕަރަށް އޮޅުވާލުމަށްފަހު އަޝްފާގު ފޮނުވާލި ޕެނަލްޓީ ތިރީ ކަނަށް އަމާޒުކޮށްލައި ރާއްޖެއަށް ލީޑު ފުޅާކޮށްދިނީ އެވެ.
ރާއްޖެއިން ސާފުގައި ދެން މެޗެއް ކުޅޭނީ މި މަހުގެ 10ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއިން ކުޅޭނީ ސްރީލަންކާއާ ދެކޮޅަށެވެ.