ނޮވެމްބަރު މަހުގައި ފަތުރުވެރިންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ޖަހާ ނިމުމުން ފަތުރުވެރިންނަށް ވެކްސިން ދޭން ކުރިން ވެސް ނިންމައިފައިވާނެ ކަމަށެވެ. އަދި މި އަހަރުގެ ފަހު ކުއާޓާގައި އެކަން ވާނެ ކަމަށް ކުރިން ވެސް ލަފާކޮށްގެން ތިބި ކަމަށާއި މިހާރު އެކަމުގެ މަޝްވަރާތައް ހެލްތު މިނިސްޓްރީއާ ކުރެވެމުން އަންނަ ކަމުގައި ވެސް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް އިތުރަށް ވިދާޅުވީ ފަތުރުވެރިންނަށް ދޭ ވެކްސިން އަކީ އެ ފަތުރުވެރިންނަށް "ތެންކިއު" އޭ ބުނަން ވެގެން ދޭ ވެކްސިނެއް ކަމަށެވެ. ސަބަބަކީ ވެކްސިން ނެތި ވެސް އެ ފަތުރުވެރިން ރާއްޖެއަށް އައުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ގިނަ ވެކްސިންތަކަކީ ޑަބަލްޑޯޒް ވެކްސިންވީމަ ލޯންގް ސްޓޭއަށް އަންނަ ބޭފުޅުން ކަންނޭނގެ ބޭނުންކޮށްލަން ބޭނުންފުޅު ވާނީ. ވެކްސިން ޓޫރިޒަމަކީ އެއްވެސް ގޮތަކަށް ޓޫރިޒަމް ޕްރޮމޯޓް ކުރަން ބޭނުންކުރާ ޓޫލެއް ނޫން،" މައުސޫމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ކަމަކީ ފަތުރުވެރިންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. މައުސޫމް ވިދާޅުވީ މިހާރު ފަތުރުވެރިކަން ވަރަށް ރަނގަޅު ކަމަށާއި މިހާރު މި ދިމާވަނީ މީގެ ކުރިން ތާރީހުގައި ވެސް ނުދެކޭފަދަ ހައި ސީޒަަނަކާ ކަމަށެވެ.

"އޯގަސްޓުގެ ނަންބަރުތަކަށް ބަލާއިރު 2019ގެ ނަންބަރުތަކަށްވުރެ އޯގަސްޓުގެ ނަންބަރު ތިން ޕަސެންޓު ރަނގަޅު. އެހެންވީމަ އަޅުގަނޑުމެންނަށް ބުނެވިދާނެ ނަންބަރު ރިކަވާވެފައޭ،" މައުސޫމް ވިދާޅުވިއެވެ.

އިތުރަށް މައުސޫމް ވިދާޅުވީ، ފަތުރުވެރިކަން ކުރީގެ ހާލަތަށް އިޔާދަވިކަމަށް ބެލެވޭނީ ހުރިހާ އެންމެނަށް ވަޒީފާ ލިބި، އާމްދަނީގެ ގޮތުން ވެސް ރައްޔިތުންނަށް އޭގެ ފައިދާތައް ފުރިހަމައަށް ލިބެން ފެށުމުން ކަމަށެވެ.

"ވަރަށް ރަނގަޅު ޓްރެންޑެއް ރާއްޖޭގައި މި ފެންނަނީ. މީހުން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވުން. އާންމުކޮށް ގެސްޓަކު އަށް ދުވަހު އެބަ ތިބޭ،" މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މިހާރު ވަނީ ވެކްސިން ޖަހާފައެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް 392،887 މީހުން ވަނީ ފުރިހަމަ ކޮށްފައެވެ. އަދި 344،123 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.