28 Feb 2012, 17:11
ތ. ގާދިއްފުށީ ކައުންސިލުގެ ބައި އިލެކްޝަނާއި ހދ. ކުމުންދޫ ކައުންސިލުގެ ބައި އިލެކްޝަން އޭޕްރީލް 14 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ގާދިއްފުށި އަދި ކުމުންދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މި މަހު 29 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމަޔަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ދެ ދާއިރާއަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އިލެކްޝަންސް ކޮމިޝަނުގެ ފަސް ވަނަ ފަންގި ފިލާގައި ކުރިއަށްދާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.
އެ ދެ ދާއިރާގެ ބައި އިލެކްޝަނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނާއި ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ވެސް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އޭޕްރީލް 14 ވަނަ ދުވަހުގަ އެވެ.