16 Jul 2010, 14:32
19:00
އެމްޑީޕީގެ ޕްރޮޕަގަންޑާ ފެތުރުމަށް ޓީވީ މޯލްޑިވްސް މެދުވެރިކޮށް ރައްޔިތުންގެ ފައިސާއިން މިހާތަނަށް އަށް މިލިއަނާއި ނުވަ މިލިއަނެއްހާ ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށް ޑީއާރްޕީން ތުހުމަތުކޮށްފި އެވެ.
ރައީސް އޮފީހުގެ ކޮންޓިންޖެންސީ ބަޖެޓުން ދެ ލައްކަ ރުފިޔާ ޚަރަދުކޮށްގެން ކަމަށް ބުނެ އެކި މީޑިއާތައް މެދުވެރިކޮށް ސަރުކާރުން ޕްރޮގްރާމްތައް ފޮނުވަމުންދާ މި ދަނޑިވަޅުގައި ޑީއާރްޕީގެ ނައިބު ލީޑަރު އަދި ގެމަނަފުށި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ވިދާޅުވީ، ޓީވީއެމުން މިހާތަނަށް ޑީއާރްޕީ އަށް އެއް ގަޑިއިރުގެ އެއާޓައިމް ވިއްކާފައި ވަނީ 21،500 ރުފިޔާއަށް ކަމަށެވެ. އަދި ޓީވީއެމްގެ އެއާޓައިމްގެ 80 ޕަސަންޓު މިހާރު ވެސް ބޭނުންކުރަނީ އެމްޑީޕީ ސަރުކާރުގެ ޕްރޮޕަގަންޑާ ފެތުރުމަށްކަން ފާހަގަކުރައްވާ އިލްހާމް ވިދާޅުވީ، އެ ޕާޓީއަށް އެއާޓައިމް ވިއްކާ ރޭޓަށް ބަލާއިރު، މި ވޭތުވެދިޔަ ދުވަސްވަރު ޓީވީއެމްގެ އެއާޓައިމް ހޯދުމަށް ސަރުކާރުން ކޮށްފައިވާ ޚަރަދު އަށް މިލިއަނާއި ނުވަ މިލިއަން ވަރަކަށް ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި މިހާރު އެ ފައިސާ ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ނުވަތަ އެމްއެންބީސީއަށް ދީފައި ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
އިލްހާމް އިތުރަށް ވިދާޅުވީ، ޓީވީއެމްގެ އެއާޓައިމް ހޯދުމަށް އެމްއެންބީސީގެ ބޯޑުގެ އިސް ބޭފުޅަކާ މިއަދު ގުޅާލުމުން، ސިޔާސީ ޕާޓީތަކަށް ފުރުސަތު ދޭ ގޮތަށް މިހާރު ހަމަޖެހިފައި ނެތް ކަމަށް ވިދާޅުވި ކަމަށެވެ. އަދި މިހާރު އެއާޓައިމް ދެނީ ހަމައެކަނި ދައުލަތުގެ މުއައްސަސާތަކަށް ކަމަށް އޭނާ ވިދާޅުވި ކަމަށާއި މިކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކަށް އޮތް ހަނި ފުރުސަތު ވެސް ގެއްލިގެން ގޮސްފައިވާ ކަމަށް އިލްހާމް ވިދާޅުވި އެވެ.
މީގެ ކުރިން ސަންއެފްއެމް އަށް މައުލޫމާތު ދެއްވަމުން އެމްއެންބީސީގެ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވެފައި ވަނީ، ދައުލަތުގެ ޓީވީން އެއާޓައިމް ނުދީ ސިޔާސީ ޕާޓީތަކުގެ އަޑު އެއްކިބާ ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންނުދާ ކަމަށެވެ. އަދި އެ އިންޓަވިއު ދިން ރެއިން ފެށިގެން ވިޔަފާރި އުސޫލުން ޓީވީއެމުން ވަގުތު ގަނެގެން އިދިކޮޅު ޕާޓީތަކުގެ ޕްރޮގްރާމްތަކެއް ވަނީ ފޮނުވައިފަ އެވެ.
އެހެންނ ަމަވެސް، މިހާރު އެމްއެންބީސީގެ ބޯޑުން ސިޔާސީ ޕާޓީތަކަށް ފުރުސަތު ނުދިނުމަށް ނިންމާފައިވޭތޯ އާއި ސަރުކާރުގެ ޕްރޮޕަގަންޑާ ފެތުރުމަށް 9 މިލިއަނެއްހާ ރުފިޔާ ސަރުކާރުން އެ ކުންފުންޏަށް ދީފައިވޭތޯ ބެލުމަށް ޚަލީލަށް ގުޅާލުމުން، އޭނާގެ ފޯނު ނިއްވާލާފައިވާތީ އެކަން ކަށަވަރު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
އަދި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ ވެސް ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއްވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.