07 Oct 2021, 18:27
ސާފް ޗެމްޕިއަންޝިޕް 2021 ގައި އެންމެ ކާމިޔާބު ޓީމު، އިންޑިއާއާ އެއްވަރުކޮށް ސްރީ ލަންކާއިން މުބާރާތުގެ ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ.
މުބާރާތުގެ ތިންވަނަ މެޗު-ޑޭގައި މިއަދު ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އިންޑިއާއާއި ސްރީ ލަންކާ އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު އިންޑިއާއަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ހަނިވެފައިވާ އިރު، އެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނީ ދެ ޕޮއިންޓެވެ. އެ ޓީމުން ފުރަތަމަ ކުޅުނު މެޗުގައި އެއްވަރުވީ 1-1 އިންނެވެ.
މިއަދުގެ ނަތީޖާއާ އެކު ލަންކާ ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފައެވެ. މިވަގުތު އެއްވަނައިގައި ނޭޕާލް އޮތީ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބަންގްލަދޭޝްއަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އިންޑިއާ އޮތީ ދެ ޕޮއިންޓާއެކުއެވެ. ހަމައެކަނި ޕޮއިންޓެއް ނުލިބި އޮތީ ރާއްޖެއަށެވެ.
މިއަދުގެ މެޗު ފަށައިގެން ގިނަ ހަމަލާތަކެއް އުފެއްދި އިންޑިއާއަށް މުޅި މެޗުގައި ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ އިންޑިއާގެ ލިސްޓޮން ކޮލާކޯއަށް ގޯލު ކުރިމަތިން ލިބުނު ފުރުސަތެވެ. މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
އިންޑިއާގެ ހަމަލާތައް ދިފާއު ކުރުމުގައި ލަންކާއަށް އިންތިހާއަށް ބާރުބޮޑުވެގެން ދިޔައިރު، އެ ޓީމުގެ ޑިފެންސުގައި ކުޅުނު ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން ކުރިން ރާއްޖޭގެ އީގަލްސްއަށް ކުޅުނު ކީޕަރު ސުޖަން ޕެރޭރާއާއި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ ޑަކްސަން ވަނީ މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.
ދެވަނަ ހާފުގައި އިންޑިއާގެ ޓީމުން ކުރިއަށް ޖައްސައިގެން ކުޅެ، އިހުނަށް ވުރެން ގިނަ ހަމަލާތައް ވަނީ އުފައްދައިފައެވެ. މިރޭގެ މެޗުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީގެ ފަރާތުން ފެނިގެން ދިޔައީ އާދައިގެ ކުޅުމެކެވެ. އެ ހާފުގައި އިންޑިއާއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 88 ވަނަ މިނަޓުގައެވެ. އެ ޓީމުގެ ޑިފެންޑަރު ސުބަސިޝް ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ބޯޅަ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ރާއްޖެއާއި ބަންގަލަދޭޝްއެވެ. އެ މެޗު ފަށާނީ މިރޭ 9:00 ޖަހާއިރުއެވެ.