މާލޭގެ ގެއަކުން ޑްރަގު ފެނުނު މައްސަލައާ ގުޅިގެން މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، 23އަހަރާއި ފަސްމަހާއި 14 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގައި ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ތ. ވޭމަންޑޫ ރެދިންގެ، މުރުތަޟާ ޢަލީގެ މައްޗަށެވެ.

މިދިޔަ އަހަރުގެ ފެބްރުވަރީ 20ވީ ބުރާސްފަތި ދުވަހުގެ 17:43 އެހައިކަށްހައިއިރު، ހ. ނެސްޓަލް ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން އެގެއަށް ގޮސް، އެގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި ކޮޓަރި މުރުތަޟާއާއި އެވަގުތު އެކޮޓަރީގައި ތިބި އިތުރު މީހުންގެ ހާޒިރުގައި ބަލައި ފާސްކުރިއެވެ.

އަދި ފާސްކުރިއިރު އެ ކޮޓަރީގައި ހުރި ކަބަޑެއްގެ މަތީގައި އޮތް ބެކްޕެކްގެ ބޮޑު ވަތްގަނޑުގެ ތެރޭގައި އޮތް ޓީޝާޓެއްގެ ތެރޭގައި އޮތް ފޮތިކޮޅެއްގެ ތެރޭގައި އޮތް ގަމީހެއްގެ ތެރެއިން ފަސް ޖޫސް ޕެޓީ ކޮތަޅުން 449.3128 ގްރާމް ޑައިމޯފިން ވަނީ ފެނިފައެވެ.

މީގެ އިތުރުން، އެ ބެކްޕެކްގެ އެންމެ ބޭރު ވަތްގަނޑުގެ ތެރެއިން ޑިޖިޓަލް ކައްޓާއެއް ވެސް ވަނީ ފެނިފައެވެ.

ދައުލަތުން މުރުތަޟާގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ. އޮކްޓޯބަރު 23، 2021ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަޖިލީހުގައި ވެސް އޭނާ ކުށަށް އިއުތިރާފް ވެފައިވާ ކަމަށެވެ.

ދައުވާ ސާބިތުވުމުން މުރުތަޟާގެ މައްޗަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 190ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ 186ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ޖަލު އަދަބުގެ ގޮތުގައި މުރުތަޟާ ތަންފީޒު ކުރަން ޖެހޭ މުއްދަތަކީ 23އަހަރާއި ފަސްމަހާއި 14 ދުވަހެވެ.

ރާއްޖޭގެ ގާނޫނުގައި "އުމުރަށް ޖަލަށްލުން" ކަމުގައި ބުނެފައިވަނީ 25އަހަރަށް ޖަލަށް ލުމަށެވެ. އެ މުއްދަތު 23އަހަރާއި ފަސްމަހާއި 14 ދުވަހަށް ކުރު ކުރީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ހުރި ދުވަސްތައް ކެނޑުމަށް ފަހުއެވެ.