Last Updated: 4 year 2 month ago
ސާފް ޗެމްޕިއަންޝިޕް 2021 ގައި ސްރީ ލަންކާއިން މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވެފައިވާ އިރު، މިއަދު އެ ޓީމުން ނުކުންނާނީ ދުނިޔޭގެ ރޭންކިންގްއަށް ބަލާއިރު މި ސަރަހައްދުގެ އެންމެ ވަރުގަދަ އިންޑިއާއާ ދެކޮޅަށެވެ.
މިފަހަރުގެ ސާފް މުބާރާތުގެ ފައިނަލްގެ ޖާގަ ލަންކާއަށް ގެއްލިފައިވާ އިރު، މިއަދު ކުޅޭ މެޗަށް ނުކުންނަ އިރު އިންޑިއާއަށް ވެސް އޮތީ ޕްރެޝަރު ބޮޑުވެފައެވެ.
މުބާރާތުގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ 1-1 އިން އެއްވަރުވިއިރު، މެޗުގައި ފުރަތަމަ ލީޑު ނެގީ އިންޑިއާ އިންނެވެ. އަދި ބަންގްލަދޭޝުން މެޗުގެ ނަތީޖާ އެއްވަރުކުރީ އެ ޓީމުގެ ކުޅުންތެރިޔަކަށް ރަތްކާޑު ދައްކައި، 10 ކުޅުންތެރިންނަށް އެ ޓީމު މަދުވެފައިވަނިކޮށެވެ. ފަހު 40 މިނިޓް ބަންގްލަދޭޝް އިން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ.
އެހެން ކަމުން މިއަދުގެ މެޗަކީ ސާފްގެ ފެވަރިޓުންގެ ގޮތުގައި ނަން ކިޔާލެވޭ އިންޑިއާއަށް މުހިއްމުވާނެ މެޗެކެވެ. މިއަދުގެ މެޗުން މޮޅުވެއްޖެ ނަމަ އެ ޓީމަށް މުބާރާތުގައި ހިން ދެމިލަން ފުރުސަތު ލިބޭ އިރު، އެ ޓީމުގެ ކޯޗު އީގޯ ސްޓިމަކް ބުނީ، ފާޑުކިއުންތަކުން އޭނާ އަށް ޕްރެޝަރުގެ އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ބަޔަކު ކިޔާ އެއްޗަކަށް، "ސީރިއަސް މީހުން" އަޅާނުލާނެ ކަމަށެވެ.
ލަންކާގެ ކޯޗު އާމިރް އަަލަގިޗް ބުނީ، ސަރަހައްދުގެ ފުޓްބޯޅައިގައި ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ އިންޑިއާ އަކީ މި ރީޖަނުގައި އެންމެ ކުރިއަރާފައި އޮތް ގައުމު ކަމެވެ. މި ފަހަރުގެ މުބާރާތުގައި އިންޑިއާ ފުރަތަމަ މެޗުން ބަންގްލަދޭޝާ އެއްވަރުވުމަކީ އެ ޓީމުގެ ފެންވަރާ މެދު ގޮތެއް ނިންމަން ޖެހޭ ސަބަބެއްގެ ގޮތުގައި އަލަގިޗް ގަބޫލެއް ނުކުރެ އެވެ.




