ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ހޯއްދަވަމުން ގެންދަވާ ކާމިޔާބީތަކަކީ އެމްޑީޕީއަށް ލިބޭ ޝަރަފެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ މިނިސްޓަރު ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވުމާ ގުޅިގެން އެ މަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

ޝާހިދަށް އެ ލަގަބު އަރުވައިފައިވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

އެމްޑީޕީއިން ބުނީ އެ އެވޯޑު ޝާހިދަށް އެރުވީ އ..ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންފައިވުމާއި ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް އިހުތިރާމާއި އިތުބާރު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

ޝާހިދު ހޯއްދަވަމުން މި ގެންދަވާ ކާމިޔާބީއަކީ އެ ޕާޓީއަށް ވެސް ލިބޭ ފަހުރެއް ކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދަށް ދައުލަތުން އަރުވާ އެންމެ މަތީ އެ ޝަރަފު ލިބިވަޑައިގަތުމާއި އަދި އ..ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން އެ މުހިންމު ދައުރު ގާބިލުކަމާއެކު އަދާކުރައްވަމުން ގެންދަވާކަމީ މި ޕާޓީއަށް ވެސް ލިބުނު ނުހަނު ބޮޑު ޝަރަފެކެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ސޯލިހު، ޝާހިދަށް އެ މަގާމު އަރުވާފައިވަނީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުތަކުގެ ހަރުދަނާކަމުގެ ސަބަބުންނެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ އަޑު އިއްޒުމަށް ކުރާ މަސައްކަތުގެ ސަބަބުންނެވެ.

ނިޝާނުގެ އިއްޒަތަކީ ގައުމީ ހިދުމަތް ނުވަތަ ބައިނަލްއަގްވާމީ ހިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ އިއްޒަތެކެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ނިސްބަތް ކުރެވެނީ، އައްސުލްތާނުލް ގާޒީ ހަސަން އިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުން (ދޮން ބަންޑާރައިން)ނަށެވެ.