07 Oct 2021, 15:24
އިސްލާމް އާބާދު (އޮކްޓޯބަރު 7): ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ބަލޫޗިސްތާނަށް ރޭ ދަންވަރު އައި ބިންހެލުމުގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު މައްޗަށް ދިއުން އެކަށީގެންވާ ކަމަށް އެ ޕްރޮވިންސްގެ ދާހިލީ ވަޒީރު ޒިޔާއުﷲ ލަންގާވް ވިދާޅުވެއްޖެއެވެ.
އެ ބިންހެލުމުގައި މިހާތަނަށް 20 މީހުން މަރުވެފައިވާއިރު 300 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ލަންގާވް ވިދާޅުވީ ބިންހެލުންއައީ ދަންވަރު މީހުން ނިދާފައި ތިއްބައި ކަމަށާއި ބިންހެލުމުގެ ސަބަބުން ގިނަ ގެތަކެއް ވެއްޓިފައިވާ ކަމުގައެވެ. ވެއްޓިފައިވާ ގެތަކުގެ ފާރުތަކާއި ކޮންކްރީޓްތަކުގެ ދަށުން މިހާތަނަށް އެތަށް ބަޔަކު ނަގާފައިވާއިރު އިތުރު ބަޔަކު އަދިވެސް ކޮންކްރީޓްތަކުގެ ތެރޭގައި ތާށިވެފައި ތިބުމަކީ އެކަށީގެންވާ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ބިންހެލުމުގެ ސަބަބުން ގެދޮރަށް ލިބިފައިވާ ގެއްލުންތައް
އެހެންކަމުން ވެއްޓިފައިވާ ގެތަކުގެ ބައިތަކުގެ ތެރޭގައި ތިބިކަމަށް ބެލެވޭ މީހުންގެ އަދަދާއި އެމީހުންގެ ހާލަތު އެނގުމުން މަރުވި މީހުންނާ އަދި ޒަޚަމްވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށް ލަންގާވް ވިދާޅުވިއެވެ.
ބަލޫޗިސްތާނަށްއަކީ އާންމުކޮށް ބިންހެލުން އަންނަ ސަރަހައްދެކެވެ. ޕާކިސްތާނަށް މިނިވަންކަން ލިބުމުގެ ކުރިން 1935 ވަނަ އަހަރު އެ ސަރަހައްދަށް ވަރަށް ބާރުގަދަ ބިންހެލުމެއް އައެވެ. އެ ބިންހެލުމުގައި 30 ހާހާއި 60 ހާހާއި ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވެއެވެ. ރޭ އެޕްރޮވިންސަށް އައި ބިންހެލުމަކީ ރެކްޓަރ މިންގަނޑުން 5.7 މެގްނިޓިއުޑްގެ ބިންހެލުމެއްކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއާބެހޭ އިދާރާއިން ބުނެފައިވެއެވެ. މި އިދާރާއަކީ ދުނިޔޭގެ އެކި ސަރަހައްދުތަކަށް އަންނަ ބިންހެލުންތަކުގެ މިންވަރާއި ސައިޒާ އަދި ލިބޭ ގެއްލުންތައް ބަލައި ދިރާސާކުރާ އިލްމީ މަރުކަޒެކެވެ.

ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް ގެންދިޔުމަށް ޕާކިސްތާނުގެ އަސްކަރީ ހެލިކޮޕްޓަރެއް ހަރަކާތްތެރިވަނީ
ޕާކިސްތާނުގެ ސައިސްމޮލޮޖީގެ ދިރާސާތައް ކުރާ މަރުކަޒު ބުނިގޮތުގައި ބަލޫޗިސްތާނަށް އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 5.9 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެމެރިކާއާއި ޕާކިސްތާނުގެ ސައެންސްވެރިން ބުނާގޮތުންވެސް ބިންހެލުމުގެ މަރުކަޒުހުރީ ބަލޫޗިސްތާންގެ ހަނަފަސް ސަރަހައްދެއް ކަމަށްވާ ހަރްނާއީ ގެ ބިމު އަޑިން 20 ކިލޯމީޓަރު ފުނުގައެވެ. ހަރްނާއީ އަކީ ބަލޫޗިސްތާންގެ ވެރިރަށް ކުއެޓާ ގެ އިރުމަތިން 102 ކިލޯމީޓަރު ދުރުގައިވާ ހިސާބެކެވެ.

ބަލޫޗިސްތާން
ޕާކިސްތާނުގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ބުނާގޮތުން ބިންހެލުމާއެކު ބަލޫޗިސްތާނުގެ އެތަށް ސަރަހައްދެއްގައި ބިންގަނޑުވަނީ ފަޅަފަޅައިގެން ގޮސްފައެވެ. މިކަމުގެ ސަބަބުން މަގުތަކުގެ ތާރުތައް ހަލާކުވެ ތާރުތަކާއެކު ފަސްގަނޑު މައްޗަށް އެރުމުގެ ސަބަބުން ވެހިކަލްތަކަށް ދަތުރުނުކުރެވޭ ވަރަށް މަގުތަކުގެ އެތަށް ތަނެއްވަނީ ހަލާކުވެފައެވެ.
ބިންހެލުމުގެ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ ފަންނީ ޓީމުތަކުން ގެންދަނީ މެޝިނަރީ ބޭނުންކޮށްގެން މަގުތައް އެއްވަރުކޮށް އަދި ސާފުކުރުމަށްފަހު މަގުތައް އަލުން ހުޅުވުގެ މަސައްކަތްކުރަމުންނެވެ. މީގެއިތުރުން ވެއްޓިފައިވާ ގެތަކުގެ ގާތަކާއި ކޮންކްރީޓްތަކުގެ ތެރެއިން މީހުން ސަލާމަތްކުރުމުގެ މަސައްކަތްވެސް ފަންނީ ޓީމުތަކުން ގެންދަނީ ކުރަމުންނެވެ.