ކުރިން އިސްލާމް އާބާދު (ފެބްރުއަރީ 28) : ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ދަތުރުކުރި ބަހަކަށް ބަޑިންދިން ޙަމަލާތަކެއްގައި 18 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެއްޖެވެ.

ފުލުހުން ބުނިގޮތުގައި ބަޑިއާއި އޮޓަމެޓިކް ހަތިޔާރު ބޭނުންކޮށްގެން މިޙަމަލާދީފައިވަނީ ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ފަރުބަދަމަތީގެ ވިލެޖެއް ކަމަށްވާ ހިރްޔާންގެ ކައިރިން ފަސިންޖަރު ބަހެއް ދަތުރުކޮށްފައި ދަނިކޮށް އެބަހަށެވެ. މިބަސް ދަތުރުކުރަމުން ދިޔައީ ރާވަލްޕިންޑީން ފުރައިގެން ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ކަލްކަޓް ސިޓީއަށެވެ.

އެސިޓީއަށް ބަސްދަތުރުކޮށްފައިދިޔައީ ފަރުބަދަމަތީގެ ވިލެޖެއް ކަމަށްވާ ހިރްޔާންގެ ކައިރިން ކަމަށާ ބަޑިއާއި އޮތަމެޓިކް ހަތިޔާރުން އެބަހަށް ޙަމަލާތައްދިނީ ހިރްޔާންގެ ކައިރިން ދަތުރުކުރަމުން ދަނިކޮށެވެ. މި ބަހުން ދަތުރުކުރީ މުޅިންވެސް ޝިޔަޢީން ކަމަށާއި އެމީހުންނަށް ޙަމަލާދިން ކަމަށްބެލެވެނީ ސުންނީންގެ ތެރޭގައި ހިމެނޭ ހައްދުފަހަނަޅާފައިވާ ބައެއްކަމަށް ބެލެވޭކަމަށް ޕާކިސްތާން ފުލުހުން ބުނެއެވެ.

ހިރްޔާން ވިލެޖް އޮންނަ ފަރުބަދަމަތީ ސަރަޙައްދަކީ ޕާކިސްތާނުގެ ހަރުކަށި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުންގެ ޙަރަކާތްތައްވެސް މިހާތަނަށް ހިނގާފައިވާ ސަރަޙައްދެއްނޫން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ޝިޔަޢީން ދަތުރުކުރި މިބަހަށް ޙަމަލާދީ 18 މީހުން މަރާލާފައިވަނީ އެސަރަޙައްދުގެ ހަތިޔާރުއެޅި ސުންނީންގެ ބައެއްކަމަށް ޕާކިސްތާން ފުލުހުން ލަފާކުރެއެވެ.

މިހަމަލާތަކާގުޅިގެން އެސަރަޙައްދު ބަލައި އަތްފުނާއަޅަމުން ގެންދިޔަނަމަވެސް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ޕާކިސްތާން ފުލުހުން ބުނެއެވެ. -- އަލްޖަޒީރާ