ޕާކިސްތާނުގެ ދެކުނު ޕްރޮވިންސްއެއް ކަމަށްވާ ބަލޮކިސްތާންގެ ހަރްނާއީއަށް އައި ބިން ހެލުމެއްގައި މަދުވެގެން 20 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.

ޕާކިސާތަނުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި 5.9 މެގްނިޓިއުޑްގެ ބާރުމިނުގެ އެ ބިންހެލުން އައީ ޕާކިސްތާނު ގަޑިން ރޭ ދަންވަރު 3:00 ހާއިރުގައެވެ.

ހަރްނާއީގެ ޑިސްޓްރިކްޓް ކޮމިޝަނާ ސުހައިލް އަފްރީދީ ވިދާޅުވީ ބިންހެލުން އައުމާއެކު މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ފަށާފައިވާ ކަމަށާއި އަނިޔާ ލިބުނު މީހުން ހެލިކޮޕްޓަރުތަކުގައި ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހާދިސާގައި މިހާތަނަށް 20 މީހުން މަރުވިކަން ކަށަވަރު ވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށް ވެސް އަފްރީދީ ވިދާޅުވިއެވެ.

ބަލޮކިސްތާންގެ ލޯ އެންފޯސްމެންޓް ގްރޫޕެއް ކަމަށް ވާ ބަލޮކިސްތާން ލެވީސް ފޯސް އިން ބުނާ ގޮތުގައި އެ ހާދިސާގައި ހަރްނާއީގެ ބައެއް ގޯތިގެދޮރު ބިމާ ހަމަވެ، ހަރްނާއީއަށް ދަތުރުކުރަން އޮންނަ މަގެއް ވެސް ވަނީ ބްލޮކްވެފައެވެ.

ބަލޮކިސްތާނަށް އެންމެ ފަހުން މިހާ ވަރުގަދަ ބިންހެލުމެއް އައީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެ ފަހަރު 7.7 މެގްނިޓިއުޑް ބާރު މިނުގައި އައި ބިންހެލުމުގައި 330 މީހުން މަރުވެ 445 މީހުންނަށް ވަނީ އަނިޔާވެފައެވެ.