ދިވެހި ގައުމިއްޔަތު ބިނާ ކުރައްވަން ފެއްޓެވި އުތީމު މަހާރަދުން ގައުމު ބިނާކުރެއްވީ އަވަށްޓެރި ގައުމުތަކާއެކު ރަނގަޅު ގުޅުމެއް ބާއްވައިގެން، އެ ގައުމުތަކުގެ އެހީ ލިބިގެން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބާގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ޝާހިދަށް ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައެވެ.

ޝާހިދު ވިދާޅުވީ ބޮޑުތަކުރުފާނު ރާއްޖޭގެ ގައުމިއްޔަތު ބިނާކުރައްވަން ފެއްޓެވީ މުހިންމު އަސާސްތަކެއްގެ މައްޗަށް ކަމަށެވެ. އޭގެ ތެރޭގައި އިސްލާމް ދީނާއި އެކުވެރިކަމާއި އެއްބައިވަންތަކަމާއި ފަހުރުވެރިކަމާއެކު ދިވެހިންނޭ ބުނުމުގެ ހިތްވަރު ފަދަ ކަންކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެންގެ ތެރޭގައި ވަކިވެ ގަތުމަށް، ރާއްޖެ ވަށައި ފަން ފުޅަފަށް ޖަހައިލައިގެން ތިބެން ވާހަކަ ދެއްކިޔަސް ރާއްޖޭގެ ހަގީގީ ގައުމިއްޔަތުގެ ބާނީގެ ޒިކުރާ އާ ކުރާއިރު ފެނިގެންދަނީ އެ މަހާރަދުން އުޅުއްވީ އަވައްޓެރި ގައުމުތަކާއެކު ވާހަކަ ދައްކަވައިގެން އެކުވެރިކަމާއެކު މަސައްކަތް ކުރައްވައިގެން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެގޮތުން މުހައްމަދު ތަކުރުފާނު ދަރިވަރުވެ ވަޑައިގެންނެވީ ބޭދާޅިއަށް ވަޑައިގެން ކަމަށެވެ. ބޭރުގެ އެހީ ހޯދުމަށް ދެކޮޅު ހެއްދެވުމުގެ ބަދަލުގައި އެ ތަކުރުފާނު ވެސް އިލްމު ހޯއްދެވުމަށް ގައުމުތަކުގެ އެހީ ހޯއްވައި ގާތް ގުޅުން ބޭއްވެވި ކަމަށެވެ.

މީގެ އިތުރުން މަލާބާރީންގެ ރާޖާ ވެސް ރާއްޖެ މިނިވަން ކުރުމުގެ މަޝްވަރާތައް ބޭރުގެ ބޭފުޅުންނާ ކުރައްވައި ލަފާ ހޯއްދެވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންނަކީ ދުނިޔެއާ ވަކިވެގެން އުޅެން ޖެހޭނެ ބައެއް ކަމަށް ވަކާލާތުކުރާ އެންމެން އެ ވަކާލާތު ކުރަނީ ބޮޑުތަކުރުފާނު ރާއްޖޭގައި އުފެއްދެވި ގައުމިއްޔަތާ ދިމާ އިދިކޮޅަށް. ރާއްޖެ ބަލިކަށި ކޮށްލުމަށް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ކުރިއެރުވުމަށް ރައީސް ސޯލިހު ކުރައްވަމުން އަންނަ ބުރަ މަސައްކަތް ފާހަގަކުރައްވައި އެ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން މި އަހަރަކީ ރާއްޖެ އ.ދ ގެ މަޖިލީހުގެ މެންބަރަކަށް ވިތާ 56 ފުރޭ އަހަރު ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މި އަހަރު ރާއްޖޭގެ ރައީސް އެ މަޖިލީހުގައި ތަގްރީރު ކުރެއްވިއިރު ރިޔާސަތުގައި ދިވެއްސެއް އިނުމަކީ އެކަމާ މެދު ހުރިހާ ދިވެހިން ވެސް ފަހުރުވެރިވާން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ތައުރީފު ހައްގު ވަނީ ޝާހިދަށް ނޫން ކަމަށާއި އެކަމުގެ ތައުރީފު ހައްގު ވަނީ ހުރިހާ ދިވެހިންނަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ޖަލްސާގައި ޝާހިދަށް އެރުވި ނިޝާން އިއްޒުއްދީންގެ ލަގަބަކީ ޝާހިދު ފަދަ ނިކަމެއްޗަކަށް ހައްގު އިއްޒަތެއް ނޫން ކަމަށާއި އެ އިއްޒަތް ޝާހިދަށް އަރުއްވައިފައިވަނީ ރައީސް ސޯލިހުގެ ހިތްޕުޅުގައި ދިވެހި ގައުމިއްޔަތަށް އިތް ވަރުގަދަ ލޯތްބެއްގެ ސަބަބުން ކަމަށެވެ.