ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރާނެ މައްސަލަތަކުގެ ތަރުތީބަކާމެދު މެދު ސިޔާސީ ޕާޓީތަކުން މިރޭ ބާއްވާ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އާދެވޭވަރުވާނެ ކަމަށް އޯލްޕާޓީ ޓޯކްސް ވިލަރެސް ކުރައްވަން ރައީސް އައްޔަންކުރައްވާފައިވާ، ވިލަރެސް ވެރިޔާ ބޮޑުފެންވަޅުގޭ އަހުމަދު މުޖުތަބާ މިއަދު ވިދާޅުވެއްޖެ އެވެ.

އޯލް ޕާޓީ ޓޯކްސް ކުރިއަށްދާ ވެލާނާގޭގެ ދެވަނަ ފަންގިފިލާގެ ކޮންފަރެންސް ރޫމްގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރާއްޖޭގެ ފުރަތަމަ ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި އަދި ކުރީގެ މިނިސްޓަރު މުޖުތަބާ ވިދާޅުވީ ތިން ރެއެއްގެ މަތިން ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް އެޖެންޑާގެ އައިޓަމްތަކެއް އެކުލަވާލެވިފައިވާ ކަމަށާއި ނަމަވެސް އެ އައިޓަމްތަކުގެ ތަރުތީބާ މެދު އަދި އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ.

"އަޅުގަނޑު މަސައްކަތްކުރީ ހުރިހާ ޕާޓީތައް ގެނެވޭތޯ. އެގޮތުން ބައްދަލުވުން ބޭއްވުނީ 25 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ދެން އެރޭ ދެކެވުނު ވާހަކައިން އެޖެންޑާއެއް ރޭވެން ފެއްޓުނީ. އެގޮތުން 26 އަދި 27 ވަނަ ދުވަހުގެ ރޭ އެޖެންޑާ އާއި އެޖެންޑާގެ އައިޓަމްތައް ހުންނަންވީ ކޮން އޯޑަރަކައްތޯ، އެހެންވީމައި ދެން މިހާރު އެޖެންޑާއެއް ކަޑައެޅިއްޖެ. އެހެން ނަމަވެސް އެޖެންޑާގައި ހުންނަނީ ކޮންއޯޑަރަކަށްތޯ މަޝްވަރާތައް ކުރާނީ، މިރޭގެ ޖަލްސާގައި [އެކަން] ނިންމޭވަރުވާނެ،" މުޖުތަބާ ވިދާޅުވި އެވެ.

މިރޭ ބައްދަލުވުންވެސް އޮންނާނީ އެ މަޝްވަރާތައް ހިނގަމުން އަންނަ ވެލާނާގޭގަ އެވެ. އެ ބައްދަލުވުމުގައި ވެސް ހުރިހާ ޕާޓީތަކުން ބައިވެރިވާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން އެޖެންޑާގައި ހިމެނުމަށް އެއްބަސްވި އައިޓަމްތައް މުޖުތަބާ ވިދާޅުވެދެއްވި އެވެ. އެއީ އިސްލާހު ކުރަންޖެހޭ ގާނޫނު ތަކާއި އަލަށް ހަދަން ޖެހޭ ގާނޫނުތަކާ މެދު މަޝްވަރާކުރުމާއި މިނިވަން މުއައްސަސާތަކާއި މަގާމުތައް ރިފޯމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ މެދު ވާހަކަދެއްކުމާއި ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު މަޝްވަރާ ކުރުމާއި ރިޔާސީ އިންތިހާބެއް ބާއްވާނެ ތާރީހެއް ކަޑައެޅުމާ މެދު އެވެ. އަދި ބަޖެޓުގެ ހާލަތު ދެނެގަތުމާއި ރައްޔިތުން މަޖިލިސް ހުޅުވާ ދުވަސް ސުލްހަވެރިކޮށް ގެންދިޔުމާ އަދި މިހާރު ހިނގަމުން އަންނަ ސިޔާސީ އެކި މައްސަލަތަކާ މެދު މަޝްވަރާ ކުރުން ވެސް ހިމެނެ އެވެ.

މުޖުތަބާ ވިދާޅުވީ މަޝްވަރާ އެޖެންޑާގައި އެންމެ އިސްކަމެއްގެ ގޮތުގައި މަޝްވަރާކުރަން އެމްޑީޕީން ބާރު އަޅަނީ އިންތިހާބުގެ ތާރީހު އަވަސްކުރުމާ މެދު ކަމަށެވެ. ނަމަވެސް އެހެން ޕާޓީތަކުން ބާރުއަޅަނީ އިންތިހާބެއް އަވަސްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މަޝްވަރާ ކުރުމަށް ކަމަށެވެ.

"އަޅުގަނޑުދެކޭ ގޮތުގައި އެއީ މާބޮޑު ތަފާތެއް ނޫން. އެކަމަކު އެއީ ވާހަތަކުގެ އެންމެ ބޮޑުތަފާތަކީ ވެސް،" މުޖުތޮބާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ވާހަކަތައް ކުރިއަށްދާ ސްޕީޑާމެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަމަށް މުޖުތަބާ މިއަދު ވިދާޅުވި އެވެ. ވިދާޅުވީ ރަނގަޅު ސްޕީޑެއްގައި މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަޝްވަރާތައް ކާމިޔާބުވެދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"އަޅުގަނޑު ބަލަންޖެހޭނީ ދިވެހިންނަކީ ހަމަ ދިވެހިރާއްޖެ ދެގެ ލޯބިވާ ބައެއް ކަމަށް. އަޅުގަނޑު ދެކެނީ އަމިއްލަ އިންޓަރެސްޓުގެ ކުރިއަށް ގައުމުގެ އިންޓަރެސްޓް ނަގާނެ ކަމަށް. އެހެންވެ އަޅުގަނޑު އުންމީދު ކަޑައެއް ނުލަން،" މުޖުތަބާ ވިދާޅުވި އެވެ.

އޯލްޕާޓީ ޓޯކްސްގެ ފުރަތަމަ ބައްދަލުވުމުގައި އެމްޑީޕީން ބައިވެރި ނުވުމުން އެ ބައްދަލުވުން ވަނީ ކެންސަލްކުރަން ޖެހިފަ އެވެ. އެމްޑީޕީން އެ ބައްދަލުވުމުގައި ބައިވެރި ނުވީ އިންތިހާބު އަވަސްކުރުމުގެ މަޝްވަރާތަކެއް ނެތުމުންނެވެ. ނަމަވެސް އެމްޑީޕީން މިހާރު އަންނަނީ އެ ބައްދަލުވުންތަކުގައި ބައިވެރިވަމުންނެވެ.