07 Oct 2021, 00:13
ރާއްޖެ-ބަންގްލަދޭޝް ބައްދަލު ކުރާ މެޗަށް ޓިކެޓް ވިއްކި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި ބަންގްލަދޭޝްގެ ރިޕޯޓަރުގެ މަސައްކަތް ހުއްޓުވުމަށް މަސައްކަތް ކުރި އެފްއޭއެމްގެ މުވައްޒަފްއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޓިކެޓް ވިއްކުމުގެ ކަންކަން ކަވަރު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ނޫސްވެރިޔާގެ ކަރުގައި އޮތް މީޑިއާ ފާސް ނެގުމަށް އެފްއޭއެމްގެ އޮފިޝަލް އަމަލު ކުރިގޮތް ބަލައިނުގަނެވޭ ކަމަށާއި މައްސަލަ އިތުރަށް ބަލައި، އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަނީ ބަންގްލަދޭޝްގެ "ޝޮމައި ޓީވީ" ގެ ނޫސްވެރިޔާގެ ކަރުގައި އޮތް މީޑިއާ ފާސް ނަގަން، އެފްއޭއެމްގެ މުވައްޒަފް އަހްމަދު ޒާމިލް (ޒެކް) މަސައްކަތްކުރާ މަންޒަރެވެ. އަދި އެ ވަގުތު ހިނގި ހަމަނުޖެހުންތަކާ އެކު ބަންގްލަދޭޝްގެ ބައެއް ސަޕޯޓަރުން ހުއްޓުވަން ދިވެހި ފުލުހުންވެސް މަސައްކަތް ކޮށްފައިވެއެވެ.
މި ވީޑިއޯއާ ގުޅިގެން އެފްއޭއެމްގެ މުވައްޒަފުގެ ޕްރޮފެޝަނަލިޒަމް ނެތް ކަމަށް ބުނެ ގިނަބަޔަކު ސޯޝަލް މީޑިއާގައި ފާޑު ކިޔައިފައިވާ އިރު، ބައްސާމް ވިދާޅުވީ އެފަދަ ކަމަށް ހިނގުމުން އެފްއޭއެމްގެ ފަރާތުން އެކަމަށް މައާފަށް އެދޭ ކަމަށެވެ.
ސާފް އިން މިއަދު މާލޭގައި ބޭއްވި ބައްދަލުވުމުގައި ވަނީ ބޭރުގެ މީޑިއާތަކަށް ހުރި ދަތިތަކާ ކަންބޮޑުވުންތައް އެފްއޭއެމްއާ ހިއްސާކޮށްފަ އެވެ. ސާފްގެ ތިން ގައުމަކުން ނޫސްވެރިން ވަނީ މުބާރާތް ކަވަރުކުރަން މާލެ އައިސްފަ އެވެ.