07 Oct 2021, 15:38
ކޯލިޝަންގައި ހިމެނޭ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ އައު ލީޑަރޝިޕުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްއާރުއެމްގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަނަށްފަހު، އިންތިހާބުކުރި އައު ލީޑާރުޝިޕާއި އެކްސްކޯގެ ފަރާތުން އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް، އަދި ދިއްގަރު ދާއިރާގެ ކުރީގެ މަޖިލީސް މެމްބަރު ފާރިސް މައުމޫން ވިދާޅުވީ އަލަށް އިންތިހާބުވި، ލީޑާޝިޕުން ރައީސް އާއިއެކު އަދި މިހާތަނަށް އެއްވެސް ބާވަތެއްގެ މަޝްވަރާއެއް ނުކުރައްވާ ކަމަށެވެ.
ނަމަވެސް އެ މަނިކުފާނާއި ބައްދަލު ކުރުމަށް ޓަކައި އެޕޮއިންޓްމެންޓެއް ދެއްވާތޯ މަސައްކަތް ކުރައްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.
"ފުރުސަތު ދެއްވިހާ އަވަހަކަށް ރައީސްގެ އަރިހަށް ޒިޔާރަތް ކުރުމަށްފަހު، ގައުމު ތެރޭގައި ހުރި އަޅުގަނޑުމެން ކަންބޮޑުވާ މައްސަލަތަކާ ބެހޭގޮތުން ރައީސް އާ މަޝްވަރާ ކުރާނަން. ޕާޓީގެ ނިންމުން އެމަނިކުފާނަށް ދަންނަވާނަން،" ފާރިސް ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ މައްސަލައިގައި އެމްއާރުއެމްގެ ކަންބޮޑު އޮތީ ކިހާވަރަކަށްތޯ، ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ފާރިސް ވިދާޅުވީ އެ މައްސަލައިގައި ޕާޓީއާއި ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެފަދަ ޝަކުވާތައް ޕާޓީއާ ހަމައަށް އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ޕާޓީއަށް ކަންކަން ހަވާލު ނުކުރާ ކަމަށެވެ. އެހެންކަމުން ރައީސް އާއިއެކު ބާއްވާ ބައްދަލުވުމުގައި އެކަމާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"ކޯލިޝަން އެއްބަސް ވުމުގައި އޮތް ގޮތަށް ކަންކަން ހަވާލު ކޮށްފައެއް ނެތް. އެއަށްވުރެ މަދުން ލިބިފަ ހުރީ. ނަމަވެސް އަޅުގަނޑުމެން ބޭނުންވޭ ބުނި ބަހުގަ ހިފަހައްޓަން. އެހެންވީމަ އެކަމުގަ އަޅުގަނޑުމެން ރައީސްއާ މަޝްވަރާ ކުރާނަން،" ފާރިސް ވިދާޅުވިއެވެ.

އެމްއާރުއެމް އިން ބޭއްވި ޕްރެސް ---
އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ، ތިބޭ ތިބުމާ ބެހޭގޮތުން ފާރިސް ވިދާޅުވީ އެ މައްސަލައިގައި އެކި މީހުން ވާހަކަ ދައްކަނީ އެކި ގޮތްގޮތައް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ތެރެއަށް ޕާޓީން ވަނުމުގެ ކުރީން، އެކަމުގެ ސައްހަ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ސަރުކާރު ތެރެއިންނާއި ރައްޔިތުންގެ ފަރާތުން ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރު ކޮށްފާނެ ފަދަ ކަމަކަށް، އެ ޕާޓީން ފުރުސަތު ނުދޭނެ ކަމަށެވެ.
ފާރިސް ވިދާޅުވީ މިވަގުތު ޕާޓީގެ ހިންގުމާއި ހަވާލުވެގެން ތިބީ މުޅިން އައު ޓީމެއް ކަމަށެވެ. ނަމަވެސް އެ ޓީމް ތެރޭގައި ރައީސް މައުމޫން ހުންނެވިކަމީ ޕާޓީއަށް ލިބޭ ނުހަނު ބޮޑު ކުރިއެރުމަކާއި ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.
"ރައީސް މައުމޫން އަޅުގަނޑުމެން ތެރޭގަ ހުންނެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. މިހެން ދެންނެވި ނަމަވެސް އަޅުގަނޑުމެންގެ އައު ޒުވާނުންނަށް، އައު ޖީލަށް ބޭނުންވަނީ އަޅުގަނޑުމެންގެ ތެރެއިން އައު ކަންކަން ފެންނަން،" ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ރައީސް މައުމޫނަކީ ރައްޔިތުންގެ ތެރެއިން އެތައް ބައެއްގެ ތާއީދާއި ލޯބި ހޯއްދަވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.
އޭނާ ވިދާޅުވީ މައުމޫން އަބްދުލްގައްޔޫމަކީ ޕާޓީ ހިންގުމުގެ މަގާމެއްގައި މިވަގުތު ހުންނެވި ބޭފުޅެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ޕާޓީގެ ފަރާތުން ބަސް ބުނާނީ އަލަށް އިންތިހާބުކުރި ލީޑާޝިޕުން ކަމަށެވެ.
ރައީސް މައުމޫން މީގެ ފަހުން ހުންނަވާނީ ޒައީމުގެ ހައިސިއްޔަތުން ޕާޓީން ބޭނުންވާ އެކިއެކި ކަންކަމުގައި މަޝްވަރާ އާއި އިރުޝާދު ދެއްވަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޯލިޝަން ދެމިއޮތުމާ ބެހޭގޮތުން ފާރިސް ވިދާޅުވީ އެ ޕާޓިން ހުރިހާ މަޝްވަރާއެއް ވެސް ކުރަމުން އަންނަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އާ ކަމަށެވެ.
އޭނާ ވިދާޅުވީ ކޯލިޝަން ރޫޅާލަން އުޅުއްވާ ކަމުގެ އެއްވެސް ނިޝާނެއް ރައީސް ސޯލިހްގެ ފަރާތްޕުޅުން އަދި މިހާތަނަށް ފެނިފައި ނެތް ކަމަށެވެ. އޭގެ ބަދަލުގައި މުޅިން ވެސް ފެންނަނީ ކޯލިޝަން ދަމަހައްޓަން މަސައްކަތް ކުރައްވާ މަންޒަރު ކަމަށް ވިދާޅުވިއެވެ.

އެމްއާރުއެމްގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަނަށްފަހު، އިންތިހާބުކުރި އައު ލީޑަރޝިޕް: ސަން ފޮޓޯ/ އަހްމަދު އައިމަން
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން އަލަށް އިންތިހާބުކުރި، ލީޑާޝިޕްގައި ހިމެނެނީ، ޕާޓީގެ ރައީސް ފާރިސް މައުމޫން، ނައިބު ރައީސް އައިމިނަތު ނާދިރާ، އާއި ޝަޒައިލް ޝިޔާމް، ޒުވާނުންގެ ކައުންސިލް ރައީސް އިބްރާހީމް ފަރުހާދު، އަންހެނުން ކައުންސިލްގެ ރައީސް އާރިޒާ ރަޝީދުގެ އިތުރުން ޕާޓީގެ ސްޕޯކް ޕާސަން އިސްމާއިލް ނާއިލް އެވެ.