ގައުމީ ޝަރަފްވެރިކަމުގެ އިނާމު ހަތަރު ބޭފުޅަކަށް އަދި ހިތްވަރުދިނުމުގެ ގައުމީ އިނާމު 14 ބޭފުޅުންނަށް އަރުވައިފިއެވެ.

މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ޝަރަފުވެރިކަމުގެ އިނާމް ދެއްވައިފައިވަނީ ކީރިތި ގުރުއާން ކިޔެވުމުގެ ދާއިރާ، ދިވެހި ބަހާއި އަދަބިއްޔާތާއި، ސިއްހީ އަދި ކުޅިވަރު ދާއިރާ އިންނެވެ.

ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ އިލްމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމް ލިބިވަޑައިގަތީ ބ. ތުޅާދޫ، މަންޒިލް އަލްމަރްހޫމް އިބްރާހިމް ހުސައިންފުޅުގެ ހަނދާނަށެވެ.

މި އިނާމާ އާއިލާގެ ފަރާތުން ހަވާލުވެވަޑައިގަތީ އިބްރާހިމް ހުސައިންފުޅުގެ ދަރިކަނބަލުން ސާއިރާ އިބްރާހިމްފުޅެވެ. އޭނާގެ ހަނދާނަށް ޝަރަފްވެރިކަމުގެ ގައުމީ އިނާމު އެރުވެނީ އިބްރާހިމް ހުސައިންފުޅަކީ ކީރިތި ގުުރުއާން އުނގަންނައިދެއްވުމުގައި އަދި ގުުރުއާނުގެ އިލްމު ފެތުރުއްވުމުގައި ބައި ގަރުނަށްވުރެ ގިނަ މުއްދަތެެއް ޚިދުމަތް ކުރައްވާ ނަތީޖާ ނެރެދެއްވައިފައިވާ ހަރުދަނާ މުދައްރިސަކަށް ވާތީއެވެ. އަދި ދީނީ އުސޫލުތަކަށާއި ރިވެތި އަޚްލާގަށް ދަރިވަރުން ހާނުއްވައި ހަރުދަނާ ޖީލެއް ބިނާކުރެއްވި އެދުރަކަށް ވާތީއެވެ. އޭނާ އަވަހާރަވީ 22 ނޮވެމްބަރު 2020ގައެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގަތީ ސ. ހިތަދޫ ކެމީ, ހަސަން ލަބީބަށެވެ. ހަސަން ލަބީބަކީ ދިވެހިބަހާއި އަދަބިއްޔާތަށް، ހާއްސަކޮށް ޅެންވެރިކަމުގެ ދާއިރާއިން ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވައިފައިވާ މިހާރު ވެސް އެ ހިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ޅެންވެރިކަމުގެ ދާއިރާގައި އޭނާ ހިދުމަތް ކުރައްވަން ފެއްޓެވީ 1960ވަނަ އަހަރު، ހިތަދޫ ހުސޭނިޔާ ސުކޫލުގައި ކިޔަވައި ވިދާޅުވާން އުޅުއްވި ދުވަސްވަރުއެވެ. އެ ދުވަހުން ފެށިގެން، މިއަދާ ހަމައަށް ވެސް މެދުކެނޑުމެއް ނެތި ޅެންވެރިކަމުގެ ރޮނގުން އޭނާ ގެންދަވަނީ ހިދުމަތް ކުރައްވަމުންނެވެ. އަދި ލަބީބަކީ ޅެންވެރިކަމުގެ އެކިއެކި މުބާރާތްތަކުގައި ވެސް ބައިވެރިވެވަޑައިގެން ފާހަގަކުރެވޭ ކާމިޔާބީތަކެއް ހޯއްދަވައިފައިވާ ބޭފުޅެކެވެ.

ސިއްހީ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ މއ. އެވޭލާގެ, ޑރ. ހާމިދު ރަޝީދަށެވެ. އޭނާއަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި 1977ވަނަ އަހަރުން ފެށިގެން ވަރަށް އިޚްލާސްތެރި ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.ޑރ. ހާމިދު ރަޝީދު އޮޕަރޭޝަނަށް ހާއްސަވާއިރު ސެންޓަރަލް ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ގިނަ އޮޕަރޭޝަންތަކެއް ކުރައްވައިފައިވެއެވެ. ކުދިން ހިތާނު ކުރުމުގައި ދިމާވާ ނުރައްކާތެރި ކަންކަން ހައްލު ކުރައްވާ ރައްކާތެރިކަމާއެކު އެކަން ކުރައްވަން ބާރު އެޅުމުގެ މަގުސަދުގައި އޭނާ ފެއްޓެވި މަސައްކަތް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މިހާރު ކުރެވެމުންދެއެވެ. އޭނާ ހިތާނު ކުރެއްވި ކުދިންގެ އަދަދު ޑރ.ހާމިދަށް ވެސް އަންދާޒާ ކޮށްލައްވަން ދަތިފުޅެވެ.

ކުޅިވަރުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގަތީ ހ. ސާވަން މައްލާ ޅަތުއްތަށެވެ. މައްލާ ޅަހުއްތަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި، ހާއްސަކޮށް ފުޓުބޯޅައިގެ މައިދާނުގައި ވަރަށް މަޝްހޫރު ނަމެކެވެ. ރާއްޖޭގެ ފުޓުބޯޅަ ރެފްރީންގެ ލިސްޓުގެ އެންމެ ކުރީގައި އޭނާ ހިމެނިވަޑައިގަންނަވައެވެ. މައްލާ ޅަތުއްތު ވަނީ 1969ވަނަ އަހަރުން ފެށިގެން 1995ވަަނަ އަހަރާ ހަމައަށް މެދުނުކެނޑި 26އަހަރު ރާއްޖޭގެ ހުރިހާ ޑިވިޝަނެއްގެ ފުޓުބޯޅަ މުބާރާތްތަކުގައި ރެފްރީކަން ކުރައްވައިފައެވެ. ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން 1990ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު މައްލާއަށް ލިބިވަޑައިގެންފައިވެއެވެ.

ހިތްވަރުދިނުމުގެ ގައުމީ އިނާމް 14 ބޭފުޅަކަށް

ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ އިލްމުގެ ދާއިރާއިން، ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމް ލިބިވަޑައިގަތީ މާވުލެސް ސ. ހިތަދޫ, އަލްހާފިޒާ ލަތީފާ އަހުމަދަށެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަސް އުނގަންނައިދިނުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ ވައްވަރުގެ ޅ. ނައިފަރު, އަބްދުالله ޖަމީލަށެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން މޫރިތިގެ ހއ. އިހަވަންދޫ, ފަތުހުالله އަހުމަދަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވިއެވެ.

ތައުލީމީ ދާއިރާއިން، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ ސީނުގެ ގއ. ނިލަންދޫ, ޝަރަފުލްހުދާ މުހައްމަދަށެވެ.

އިޖުތިމާޢީ ހިދުމަތުގެ ދާއިރާއިން، ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބުނީ ބ.އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)އަށެވެ.

އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން، މުޖުތަމައުގައި އަށަގަންނަމުންދާ ނުރަނގަޅު އާދަތައް ނައްތައިލުމަށް މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ މ. ހުސްނޫ, މުހައްމަދު ރާޝިދަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތައާރުފު ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމް ލިބިވަޑައިގަތީ ނޫވިލު ޅ. ހިންނަވަރު, ޔޫސުފް ރިފްއަތަށެވެ.

މަސައްކަތްތެރިކަމުގެ ދާއިރާއިން، އެކި ބާވަތުގެ މަސައްކަތް ކުރުމާއި، ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ އސަރާސަރުގެއާގެ ސ. ހިތަދޫ, ފާތިމަތު ޝިފާ މޫސާދީދީއަށެވެ.

މުވާސަލާތާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން، ކޮމްޕިއުޓާ ސޮފްޓްވެއާ އާއި، ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްގީ ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ މއ. ބޮޑުދަހަރާގެ, ޑޮކްޓަރު މުހައްމަދު ކިނާނަތަށެވެ.

ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ ހ. ސްނޯޕީކް, އިބްރާހީމް މުޙައްމަދަށެވެ.

ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ ހަނދުވަރީގެ ސ. ފޭދޫ, އަލީ ރަޝީދަށެވެ.

ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ ވާރޭވިލާ ހދ. ނޭކުރެންދޫ, ފާތިމަތު ސާލިޔާއަށެވެ.

ވިޒުއަލް އާޓްސްގެ ދާއިރާއިން، ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން)ގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ މިރިޔާސްގެ, މައިމޫނާއަށެވެ.

ޒުވާނުންގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ ހުސްނުހީނާގެ ހއ. ހޯރަފުށި, އަރުޝަދު އަޝްރަފަށެވެ.