ބެއިޖިންގ (ފެބްރުއަރީ 28) : ދުނިޔޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު އެއަރޕޯޓާއި އެއާރގުޅިފައިވާ ޓާރމިނަލްތައް ބިނާކުރުމުގެ މަސައްކަތް މިއަހަރުތެރޭގައި ޗައިނާއިން ފަށާނެ ކަމަށް އެޤައުމުގެ މީޑިޔާ އިން ހާމަކޮށްފިއެވެ.

ޗައިނާގެ މަޖައްލާއެއް ކަމަށްވާ "ސައިޖިންގ" ބުނިގޮތުގައި މިއީ ދުނިޔޭގެ އެންމެ ބޮޑު އެއަރޕޯޓްގެ ގޮތުގައި މިހާރުއޮތް އެމެރިކާގެ އެޓްލަންޓާ އެއަރޕޯޓަށްވުރެވެސް މާބޮޑު އެއަރޕޯޓެކެވެ. ޗައިނާއިން މިއެއަރޕޯޓް ބިނާކުރަނީ އެޤައުމުގެ ވެރިރަށް ބެއިޖިންގައެވެ.
"ސައިޖިންގ" ބުނާގޮތުން މިއެއަރޕޯޓާބެހޭ ކުރެހުންތަކާއި އެކުރެހުމާގުޅޭ އިންޖިނޭރިންގ މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. 6620 އޭކަރުގެ ބިމެއްގައި (ބާރމިއުޑާވަރުގެ ސަރަޙައްދެއްގައި) ބިނާކުރުމަށް ހަމަޖެހިފައިވާ މިއެއަރޕޯޓްގައި 9 ރަންވޭ އޮންނާނެއެވެ. މިއެއަރޕޯޓްގެ ޓާރމިނަލްވެގެންދާނީ ދުނިޔޭގެ އެއަރޕޯޓެއްގައި މިހާތަނަށް ބިނާނުކުރެވޭފަދަ ބޮޑު އަދި ތަނަވަސް ޓާރމިނަލަށެވެ.

5 އަހަރުގެ މެގަޕްރޮޖެކްޓެއްގެ ގޮތުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޗައިނާގެ މިއެއަރޕޯޓްގެ މަސައްކަތް 5 އަހަރުން ނިންމާލުމަށް ހަމަޖެހިފައިވާއިރު 2017 ވަނަ އަހަރު މި އެއަރޕޯޓް ހުޅުވުމަށްވަނީ ހަމަޖެހިފައެވެ.

މިއެއަރޕޯޓް ޗައިނާއިން ބިނާކުރަނީ އެޤައުމުގެ އިޤްތިސާދީ ކުރިއެރުންތަކާ ފައިހަމަކޮށްލެވޭފަދަ ގޮތެއްގައެވެ. މިއެއަރޕޯޓް ތޮއްޖެހޭވަގުތު އެއްފަހަރާ ބައިލައްކައެއްހާ މީހުންނަށް ޚިދްމަތްދެވޭނެ ކަމަށް ބެލިފައިވާއިރު އަހަރަކު 130 މިލިޔަނަށްވުރެ ގިނަމީހުން މިތަނުން ޚިދްމަތްހޯދައި 5.5 މިލިޔަން މެޓްރިކްޓަނުގެ މުދާ އެތެރެކޮށް ބޭރުކުރުމުގައި އެއްވެސް ދަތިކަމެއްނޯންނާނެ ކަމަށް "ސައިޖިންގ" މަޖައްލާ ބުނެއެވެ. -- ރޮއިޓާސް