06 Oct 2021, 22:55
މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައިގައި ދައުވާ އުފުލައިފައިވާ މއ. ވީނަސްތަރި، ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައިކޯޓުން ކަނޑައެޅުމުން އޭނާ ހައްޔަރު ކޮށްފިއެވެ.
މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅޭ ހިސާބުގައި ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރު މަރާލައިފައިވަނީ 2011ވަނަ އަހަރުގެ މާޗް މަހުގެ 17ވަނަ ދުވަހުގެ މެންދަމު 3:20ގައެވެ.
އެ މައްސަލައިގައި ދައުވާކުރި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް އާއި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް ދައުލަތުން ކުރީ ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ. އެހެން ނަމަވެސް އެ ކުށް އެ ދެ މީހުންގެ މައްޗަށް ސާބިތު ނުވާ ކަމަށް އޭރު ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
އެ ހުކުމާއެކު ޝިމާޒް މިނިވަންވި ނަމަވެސް މަރުގެ އެހެން މައްސަލައެއް ސާބިތުވެ ޝަހުމް ހުރީ ޖަލުގައެވެ. އެ ހުކުމަށް ފަހު މިއަދާ ޖެހެންދެން ވެސް ޝިމާޒް ހުރީ މިނިވަނެއްގެ ގޮތުގައެވެ.
އެ ހުކުމް ކުރިތާ ހަތް އަހަރު ފަހުން، އިއްޔެ ހައިކޯޓުން ވަނީ ޝަހުމާއި ޝިމާޒްގެ މައްޗަށް އަހުސަންގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ކަނޑައަަޅައިފައެވެ. ނަމަވެސް އަދަބު ކަނޑައެޅުމަށް އަހުސަންގެ ވާރިސުންގެ ބަސް ހޯދަން ޖެހޭތީ އެ މީހުންގެ މައްޗަށް އަދަބު ކަނޑައަޅާފައެއް ނުވެއެވެ. އަދަބު ކަނޑައެޅެންދެން ޝިމާޒް 10 ދުވަހަށް ބަންދުގައި ބަހައްޓަން ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން މިއަދު ބުނީ ހައި ކޯޓުގެ ހުކުމާ އެކު، ޝިމާޒް ހޯމަ ދުވަހު ހަވީރު ހައްޔަރުކުރީ އައްޑޫން ކަމަށެވެ.
އަހުސަންގެ ވާރިސުންގެ ބަސް ހޯދާފައިވާތީ ދެން އޮންނާނީ އަދަބާ ބެހޭގޮޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުމެެވެ.