06 Oct 2021, 21:34
ގައުމީ ދުވަހަކީ މިނިވަންކަމުގެ ރޫހު އާލާކޮށް، އެ ރޫހު ދިރުވަން މަަސައްކަތް ކުރަންވީ ދުވަސް ކަމަށް މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހާ ގުޅިގެން ރައްޔިތުންނަށް ސިޔާމް ފޮނުއްވި ޚިތާބުގައި ވިދާޅުވީ ދިވެހިރާއްޖެ ބޭރުގެ އިސްތިޢުމާރީ ބާރެއްގެ އަނިޔާވެރިކަމުން މިންޖުކޮށްދެއްވައި، މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ
ހެޔޮ ތައުފީގު ދެއްވިކަމަށްޓަކައި މާތްﷲގެ ހަޒްރަތަށް ހަމްދާއި ޝުކުރު ކުރާ ކަމަށެވެ.
މި ޚިޠާބުގައި ސިޔާމް ވަނީ އެމްޑީއޭގެ އެންމެހައި މެމްބަރުންނާއި، ދިވެހި ރައްޔިތުންނަށް، ގައުމީ ދުވަހުގެ ތަހުނިޔާއާއި، ހެޔޮއެދުންތައް އަރިސްކޮށްފައެވެ.
"އުފާވެރި ގައުމީ ދުވަސް އަޅުގަނޑުމެން ފާހަގަކުރާ މިދަނޑިވަޅުގައި، ދުވަހުގެ ބަތަލު، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، އާދެ ބޮޑުތަކުރުފާނު، މި ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ކުރެއްވި ހިތްވަރުގަދަ މާތް މަތިވެރި ޖިހާދުގެ މަތިން ހަނދުމަކޮށް، އެތަކުރުފާނުގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުއާ ދަންނަވަމެވެ." ސިޔާމްގެ ޚިތާބުގައި އިތުރަށް ވިދާޅުވެފައިވެއެވެ.
ސިޔާމް ވިދާޅުވީ ގައުމީ ދުވަހަކީ މިނިވަންކަމުގެ ރޫހު އާލާކޮށް، އެ ރޫހު ދިރުވަން މަސައްކަތް ކުރަންވީ ދުވަސް ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަން ގެއްލިގެން ދިޔަ އެންމެހައި ހާދިސާތަކުން ޢިބުރަތް ލިބިގަނެ، ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ބޮޑުތަކުރުފާނާއި، އެތަކުރުފާނުގެ އެންމެހައި ބައިވެރިން ނެރުއްވި ހިތްވަރާއި، ޤައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއަކީ މިއަދުގެ ދިވެހި ދަރިންގެ ޢަޒުމު ކަމުގައިވުމީ މުހިންމު ކަމެއް ކަމުގައި ވެސް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް އިތުރަށް ވިދާޅުވީ މިއަދުގެ ދުނިޔޭގައި ގައުމުތައް އަޅުވެތިކުރުމަށް ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން ކުރަމުން ގެންދާ އެންމެ ބޮޑު މަސައްކަތަކީ އިޤުތިޞާދީ ގޮތުން ޤައުމުތައް އަޅުވެތިކުރުމުގެ ކެހިވެރި މަސައްކަތްތައް ކަމަށެވެ.
ހަމައެހެންމެ، ކޮންމެ ދިވެހިދަރިއަކު ވެސް މިކަން ހަނދާންކޮށް ޤައުމުގެ ފުދުންތެރިކަން އިތުރުކުރުމަށް ހީވާގިކަމާއެކު ގަދައަޅާ މަސައްކަތް ކުރާ އުފެއްދުންތެރި ދަރިއަކަށް ވުމަށް ކޮންމެ ފަރުދަކުވެސް މިއަދު ޢަޒުމު ކަނޑައަޅައި މަސައްކަތް ކުރުމަށް ވެސް ސިޔާމް އިލްތިމާސް ކުުރެއްވިއެވެ.