28 Feb 2012, 15:58
ބޮލްޓަން ވެންޑަރާސް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްދިނުމަށް އެހީތެރިވި ފްރޭންކް ލަމްޕާޑު ކުލަބުގައި މަޑުކުރުމަށް އެދޭކަމަށް އެޓީމުގެ ކޯޗް އަންދުރޭ ވިޔަސް ބޮއަސް ބުނެފި އެވެ.
ލަމްޕާޑާއި ކޯޗު ވިޔަސް ބޮއަސް އާއި ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް ދާދި ފަހުން ލަމްޕާޑު ވަނީ ހާމަކޮށްފަ އެވެ. ސީޒަންގެ ބައެއް މެޗުތަކުގައި ލަމްޕާޑަށް އިންނަން ޖެހިފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބެންޗުގަ އެވެ.
"ލަމްޕާޑު ޓީމުގައި ހުރުމަށް އަހަރެން އެދެން. ހަމައެގޮތަށް ޓީމުގެ ކުޅުންތެރިން ވެސް އެކަމަށް އެދޭ. ލަމްޕާޑު އެދަނީ ކުލަބުގެ ރެކޯޑުތައް އާކުރަމުން. އެކަން ކުރުމަށް އޭނާ ވެސް ބޭނުންވާނެ ކަން ޔަގީން. އެކަމަށް އަހަރެން އޭނާ އަށް މަރުހަބާ ކިޔަން. ލަމްޕާޑަކީ ނަތީޖާ ބަދަލުކޮށްލެވޭނެ ފަދަ ކުޅުންތެރިއެއް." ވިޔަސް ބޮއަސް ބުންޏެވެ.
މިސީޒަނުގެ ޕްރެމިއާ ލީގުގައި ލަމްޕާޑު ވަނީ 19 ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަދި މިސީޒަނުގައި ޗެލްސީ އަށް އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްދިން ކުޅުންތެރިއަކީ ވެސް ލަމްޕާޑެވެ.