06 Oct 2021, 17:45
ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ ތެރެއިން 20 ޕަސެންޓަކީ ތަމްރީނު ނުވެ ކިޔަވައިދޭ ޓީޗަރުން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓޭޓިސްޓިކްސްގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓޭޓިސްޓިކްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން ތަމްރީނުވެފައި ތިބީ 80 ޕަސެންޓް މީހުންނެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، ރާއްޖޭގައި ޖުމުލަ 10،615 ޓީޗަރުން އެކި ސްކޫލްތަކުގައި ހަރަކާތްތެރި ވެއެވެ.
އޭގެ ތެރެއިން 72 ޕަސެންޓަކީ އަންހެނުންނަށް ވާއިރު، ފިރިހެނުންގެ ނިސްބަތަކީ 28 ޕަސެންޓެވެ. ކޮންމެ 10 ޓީޗަރަކުން ހަތް ޓީޗަރުންނަކީ އަންހެނުންނެވެ.
އަތޮޅުތެރޭގައި 5965 ދިވެހި ޓީޗަރުން ހަރަކާތްތެރި ވާއިރު މާލޭގައި 2،536 ދިވެހި ޓީޗަރުން ހަރަކާތްތެރި ވެއެވެ.
ރާއްޖޭގައި ކިޔަވައިދޭ ޓީޗަރުންގެ 20 ޕަސެންޓަކީ ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގައި ކިޔަވައިދެ 377 ޓީޗަރުންނާއި އަތޮޅުތެރޭގައި ހަކަރާތްތެރިވާ 1،737 ޓީޗަރުންނެވެ.
ރާއްޖޭގައި ކުދިންގެ ނިސްބަތަށް ޓީޗަރުން ތިބޭ އަދަދަށް ބަލާއިރު، ކޮންމެ ނުވަ ކުއްޖަކަށް ޓީޗަރެއް ހުރެއެވެ.
މާލެ ސަރަހައްދުގައި ކޮންމެ 12 ކުއްޖަކަށް ޓީޗަރެއް ހުންނައިރު، އަތޮޅުތެރޭގައި ކޮންމެ ހަތް ކުއްޖަކަށް ޓީޗަރަކު ހުރެއެވެ.