06 Oct 2021, 17:11
އިސްލާމް އާބާދު (އޮކްޓޯބަރު 6): "ޕެންޑޯރާ ޕޭޕާސް" ގެ ނަމުގައި ދުނިޔޭގެ ބައެއް ނޫސްވެރިން ބޭޒާރުކޮށްލި ދުނިޔޭގެ ބައެއް ސިޔާސީ ލީޑަރުންގެ މާލީ ބަޔާންތަކުގައި ޕާކިސްތާނުގެ ގިނައަދަދެއްގެ އިސްވެރިން ގެ ޚިޔާނާތުގެ އަމަލުތައް ހިމެނޭތީ އެކަން ބައްލަވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވިދާޅުވެއްޖެއެވެ.
މިކަމާބެހޭ ގޮތުން މިއަދު ދެއްވި ބަޔާނެއްގައި އިމްރާންޚާން ވިދާޅުވީ އޭނާއަކީ ޕާކިސްތާނުގައި ޒަމާނުއްސުރެ އޮންނަ ޚިޔާނާތާއި ފަސާދައިގެ އަމަލުތައް ނައްތާލުމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންފައިވާ ބޭފުޅަކަށްވާތީ މިކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރާނެކަމަށާ އެއީ އޭނާގެ މަސްއޫލިއްޔަތެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.
"ޕެންޑޯރާ ޕޭޕާސް" ބުނާގޮތުން ޕާކިސްތާން ސަރުކާރުގެ ސިޔާސީ ބައެއް ވެރިންނާއި އަސްކަރީ އިސްވެރިންނާއި އެ ބޭފުޅުންގެ އާއިލާއަށް ނިސްބަތްވާ އެތަށް ބަޔަކު އޮފްޝޯ ކުންފުނިތައް ހަދައިގެން އެކުންފުނިތައް ބޭނުންކޮށްގެން ބޭރު ބައެއް ގައުމުތަކުގައި އެތައް ބިލިޔަން އެމެރިކާ ޑޮލަރު ރައްކާކޮށްފައިވެއެވެ. އަދި ގިނައަދަދެއްގެ ގެދޮރާއި އެޕާޓްމެންޓްފަދަ ހަރުމުދާވެސް ގެނެފައިވެއެވެ.
"ޕެންޑޯރާ ޕޭޕާސް" އިން ޕާކިސްތާނުގެ އިސް މަސްއޫލުވެރިންގެ މިޚިޔާނާތްތައް ބޭޒާރުވުމުން އެގައުމުގެ އާންމުން ސޯޝަލް މީޑިއާގައި އިމްރާންޚާނަށާ އަދި ޕާކިސްތާން ސަރުކާރަށް އަމާޒުކޮށް ފާޑުކިޔަންވަނީ ފަށާފައެވެ.
"ޕެންޑޯރާ ޕޭޕާސް" އަކީ އިންވެސްޓިގޭޓިވް ޖާރނަލިސްޓުން އުފައްދާފައިވާ އިންޓަނޭޝަނަލް ކޮންސޯޓިޔަމް (އައިސީއައިޖޭ) އިން ނެރުނު ވަރަށް ދިގު ތަހްގީގީ ރިޕޯޓެކެވެ. މި ރިޕޯޓް ތައްޔާރުކުރުމުގައި 11 މިލިޔަނަށްވުރެ ގިނަ ލިޔުންތައް ބަލައި ދިރާސާކުރުމުގައި އިންވެސްޓިގޭޓިވް ޖާރނަލިސްޓުން ގެ 600 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވެފައިވެއެވެ.
"ޕެންޑޯރާ ޕޭޕާސް" އާ ހަވާލާދީ މިޑީއާ ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާން ސަރުކާރަށް ނިސްބަތްވާ މަދަނީ އަދި އަސްކަރީ އިސް މަސްއޫލުވެރިންގެ 700 އަށް ވުރެ ގިނަ ބޭފުޅުން ގައުމުން ބޭރުގައި ނަހަމަގޮތުގައި ފައިސާއާއި މުދާ ރައްކާކުރުމުގެ ހަރަކާތްތައްވަނީ ހިންގާފައެވެ. މި 700 ބޭފުޅުންގެ ތެރޭގައި ޕާކިސްތާނުގެ މާލީވަޒީރު ޝައުކަތު ތާރިން އާއި އޭނާގެ އާއިލާގެ މެންބަރުންވެސް ހިމެނޭ ކަމަށްވެއެވެ.
އިންވެސްޓިގޭޓިވް ޖާރނަލިސްޓުން އުފައްދާފައިވާ އިންޓަނޭޝަނަލް ކޮންސޯޓިޔަމް (އައިސީއައިޖޭ) އިން 2016 ވަނައަހަރު "ޕެނަމާ ޕޭޕާސް" ގެ ނެރެ ލީކުކޮށްލި ދުނިޔޭގެ ލީޑަރުންގެ ސިއްރު މާލީ ބަޔާންތަކުގައި އޭރު ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި އާއިލާގެ މެންބަރުން ހިންގަވާފައިވާ ކޮރަޕްޝަން ގެ އަމަލުތައްވަނީ ބޭޒާރުވެފައެވެ. ނަވާޒް ޝަރީފު ދައުރު ހަމަނުވެ މަގާމުން ދުރުވެވަޑައިގަންނަން ޖެހުނީވެސް ކޮރަޕްޝަނުގެ އެމައްސަލަތަކާ ގުޅިގެންނެވެ.
އެދުވަސްވަރު ނަވާޒް ޝަރީފުގެ މައްސަލަ ބެލުމަށް އެންމެ ބޮޑަށް ބާރުއެޅުއްވި ބޭފުޅަކީ އޭރު ޕާކިސްތާނުގެ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި މިހާރުގެ ބޮޑުވަޒީރު އިމްރާން ޚާން އެވެ.
"ޕެންޑޯރާ ޕޭޕާސް" ބުނާގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ މިހާރުގެ ބައެއް ވެރިންނާ އަދި ކުރީގެ ބައެއް ވެރިން ހިމެނޭ ގޮތައް ޖުމްލަ 35 ބޭފުޅަކުވަނީ އޮފްޝޯ ކުންފުނިތައް ބޭނުންކޮށްގެން ކޮރަޕްޝަންގެ ފައިސާ އާއި ހަރުމުދާ ބޭރު ގައުމުތަކުގައި ރައްކާކޮށްފައެވެ. ހަރުމުދާތަކުގެ ތެރޭގައި ގެދޮރާއި އެޕާޓްމަންޓްތައްވެސް ހިމެނެއެވެ.
މީގެއިތުރުން 91 ގައުމެއްގެ އެންމެ އިސްވެރިން ފިޔަފައި އެނޫން 330 ބޭފުޅަކުވެސް ވަނީ އޮފްޝޯ ކުންފުނިތައް ބޭނުންކޮށްގެން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައެވެ. މިގޮތަށް ދުނިޔޭގެ ވެރިން ހިންގަވާފައިވާ ކޮރަޕްޝަންގެ މިންވަރު އެތަށް ބިލިޔަން ޑޮލަރަށް އަރާކަމަށް "ޕެންޑޯރާ ޕޭޕާސް" ބުނެއެވެ.
"ޕެންޑޯރާ ޕޭޕާސް" ގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ އިސްވެރިންގެ ތެރޭގައި އުރުދުންގެ އަބްދުﷲ ރަސްގެފާނާއި އަޒަރުބައިޖާން ރައީސް އިލްހާމް އަލިއޭވް އާއި ކެންޔާގެ ރައީސް އޮހޯރޯ ކެންޔާޓާ އާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާއި ގަލްފުގެ އަރަބި ގައުމުތަކުގެ ޝާހީ އާއިލާތަކުގެ މެންބަރުން ހިމެނިވަޑައިގަންނަވައެވެ.