ވޮޝިންޓަން (އޮކްޓޯބަރު 6): ފޭސްބުކް އަކީ ކުޑަކުދިންނަށް ހުރި ނުރައްކަލެއް ކަމުން ފޭސްބުކް އިސްލާހު ކުރަންޖެހޭ ކަމަށް އެކުންފުނީގެ ކުރީގެ ވެރިއެއް ކަމަށްވާ ފްރާންސިސް ހޯގެން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސެނެޓްގައި ހިމެނޭ "ކޮންޒިއުމާ ޕްރޮޓެކްޝަން އެންމެ ޑޭޓާ ސެކިއުރިޓީ" އާ ބެހޭ ސަބްކޮމިޓީގެ ކުރިމަތީގައި ހެކިބަސް ދެއްވަމުން ފްރާންސިސް ހޯގެން ވިދާޅުވީ ފޭސްބުކް ގެ ޕޭޖްތަކުގެ ކޮންޓެންޓް ތަކުގެ ސަބަބުން މުޖްތަމައުތަކުގައި ފިތުނައާއި ރުޅިވެރިކަން އުފެދި އަފްރާދުންގެ މެދުގައި ބައިބައިވުމާއި ނަފްރަތު އުފެދެމުންދާކަމާ ފޭސްބުންގެ ސިޔާސަތުތައް ބަދަލުކުރަން ޖެހޭކަމުގައެވެ.

ފްރާންސިސް ހޯގެން އަކީ ވިސަލްބްލޯވަރެއްގެ ގޮތުގައި ފޭސްބުކްގެ ގިނަ ސިއްރުތަކެއް، ސިއްރިޔާތުގައި ހާމަކޮށްދެއްވާފައިވާ އަންހެން ބޭފުޅެކެވެ. ފޭސްބުކްގެ މައްސަލަ އެމެރިކާގެ ސެނެޓްގެ ސަމާލުކަމަށް އައީ ފޭސްބުކްގެ ޚިދުމަތް މިދިޔަ ހޯމަދުވަހު 6 ގަޑިއިރަށް މެދުކެނޑުމާ ގުޅިގެންނެވެ. ފޭސްބުކްގެ އިތުރުން ވަޓްސްއަޕް އަދި އިންސްޓަގްރާމްގެ ޚިދުމަތްތައްވެސް މިދިޔަ ހޯމަދުވަހު 6 ގަޑިއިރަށް މެދުކެނޑިގެން ދިޔައެވެ.

ސެނެޓްގެ ސަބް ކޮމިޓީގެ ކުރިމަތީގައި ހެކިބަސް ދެއްވަމުން ހޯގެން ވަނީ ފޭސްބުކް އަކީ އިންސާނުންގެ ކަރާމާތާއި ރައްކާތެރިކަމަށްވުރެ މާއްދިއްޔަތާއި މާލީ ފައިދާއަށް އިސްކަންދޭ ކުންފުންޏެއް ކަމަށްވެސް ސިފަކުރައްވާފައެވެ. އަދި ނަފްރަތާއި ދޮގު މައުލޫމާތު ހުއްޓުވުމަށް ވުރެ ބޮޑަށް ލިބޭ ފައިދާއަށް އިސްކަންދޭކަމުގެ ތުހުމަތު ފޭސްބުކްގެ މައްޗަށް ކުރައްވަމުން ހޯގެންވަނީ ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް އަށްވެސް ފާޑުވިދާޅުވެފައެވެ.

13 އަހަރުން ދަށުގެ ކުޑަކުދިން އިޝްތިހާރުތަކުގައި ބޭނުންކޮށްގެން ފޭސްބުކް އިން އެތަށް ބިލިޔަން ޑޮލަރެއްގެ ފައިދާ ނެގުންފަދަ އަޚްލާގީގޮތުން ދަށު ފެންވަރު ދަށްކަންކަން ފޭސްބުކް އިން ކުރާއިރު މާކް ޒަކަބާގް ޖަވާބު ދާރީ ކުރެވޭގޮތެއް އަދި އޭނާގެ މައްޗަށް ބަސް ބުނެވޭނެ ފަރާތެއްވެސް ނެތްކަމަށް ހޯގެން ވިދާޅުވިއެވެ.

ހޯގެން މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ފޭސްބުކްގެ ކަންކަން އިސްލާހުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގޮވާލާ ގޮވާލުންތަކުގެ އަޑުތައް މިފަހަކަށް އައިސްވަނީ އިތުރުވެގެން ގޮސްފައެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާން ޖީން ސެކީ ވެސްވަނީ ސޯޝަލް މީޑިއާގައި ފޭސްބުކްގެ ބާރު ގަދަވެފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޖީން ސެކީ ވިދާޅުވީ ފްރާންސިސް ހޯގެން ފޭސްބުކްއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކަކީ އެއާމެދު ވިސްނަންޖެހޭ އަމަލީފިޔަވަޅުތަކެއް އަޅަންޖެހޭ ވާހަކަތަކެއްކަމަށް އެމެރިކާގެ ސަރުކާރު ދެކޭކަމުގައެވެ.

ފޭސްބުކް އާ ދެކޮޅަށް މިފަދަ ވާހަކަތައް ފެންމަތިވިނަމަވެސް އެކުންފުނީގެ ވެރިޔާ މާކް ޒަކަބާގް ވަނީ އެކަމާދެކޮޅަށް ވާހަކަ ދައްކަވައި އޭނާގެ ކުންފުނި ދިފާއު ކުރައްވާފައެވެ. މުޅި ދުނިޔެއަށް ބަލާއިރު ދެ ބިލިއަނަށްވުރެ ގިނަ މީހުން ފޭސްބުކް ބޭނުންކުރާ ކަމަށް ތަފާސްހިސާބުތައް ބުނެއެވެ.

މިދިޔަ ހޯމަދުވަހު 6 ގަޑިއިރަށް ފޭސްބުކް މެދުކެނޑިގެން ދިޔުމުން އެކުންފުންޏަށް 6 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.