އދ.ގެ އާންމު މަޖްލީހުގެ ރައީސްގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފިއެވެ.

ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝާހިދަށް މަރުހަބާ ދެންނެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއާއި ބައެއް މިނިސްޓަރުންނެވެ.

ޝާހިދުގެ މި ދަތުރުފުޅަކީ އދ. އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެއްވި ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި ރައީސް ސޯލިހުއާއި ޑިފެންސް މިނިސްޓަަރު މާރިޔާ އަހުމަދު ދީދީއާއި ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު މުއުތަސިމް އަދުނާނާ ވެސް ބައްދަލުކުރައްވާނެއެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގެންނެވީ ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއީ ރަސޫލްއާ ވާދަކުރައްވައި، ޝާހިދު އެ މަގާމަށް ހޮވިވަޑައިގަތީ 191 ވޯޓުގެ ތެރެއިން 143 ވޯޓު ހޯއްދަވައިގެންނެވެ.