05 Oct 2021, 23:54
އަންނަ ބުރާސްފަތި ދުވަހު ރާއްޖެއާއި ބަނގްލަދޭޝް ސާފްޗެމްޕިއަންޝިޕުގައި ވާދަކުރާ މެޗަށް ބަނގްލަދޭޝް ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖައްސަައިފައިވާ 200 ޓިކެޓް ވިކި ހުސްވެއްޖެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނެފިއެވެ.
އެފްއޭއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މުބާރާތުގެ ގަވައިދަކީ ސާކްގެ ހުރިހާ ގައުމަކުން މަޝްވަރާކޮށް އެއްބަސްވުމަށްފަހު އެކުލަވައިލައިުފައިވާ ގަވާއިދެއް ކަމަށެވެ. އަދި އެ ގަވާއިދުގައިވާ ގޮތުގެ މަތިން ބަނގްލަދޭޝް ސަޕޯޓަރުންނަށް ވިއްކަން ނިންމައިފައިވަނީ 200 ޓިކެޓް ކަމަށް ވެސް އެ ބަޔާނުގައި ވެއެެވެ.
އިތުރަށް އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހި ސަޕޯޓަރުނަނަށް ވިއްކަން ހަމަޖެހިފައިވާ ޓިކެޓެއްގައި ބިދޭސީއަކަށް ދަނޑަށް ނުވަދެވޭ ގޮތަށް އަދި ބިދޭސީއަކަށް ވިއްކާ ޓިކެޓެއްގައި ދިވެހީންނަށް ދަނޑަށް ނުވަދެވޭ ގޮތަށް ހެދީ ދެ ސަބަބަކާ ހުރެ ކަމަށެވެ.
އެގޮތުން އެއް ސަބަބަބަކީ ބްލެކް މާކެޓުގައި ޓިކެޓު ވިއްކުން ހުއްޓުވުމަށް ޓަކައި ކަމަށާއި މިހާރު ވެސް ބަނގްލަދޭޝް ރައްޔިތުންނަށް 1500އާއި 2000ރުފިޔާއާ ދެމެދުގެ އަދަދަކަށް ޓިކެޓް ވިއްކާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ވެސް އެފްއޭއެމުން ބުނެއެވެ. އަދި އެއީ އެފްއޭއެމުން ހިތްވަރުދޭނެ ކަމެއް ނޫންކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.
އެފްއޭއެމުން ބުނި ދެވަނަ ސަބަބަކީ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކޮންމެ ބަޔަކަށް ވެސް ދަނޑުގައި ކުޅިބެލުމަށް ހާއްސަ ޖާގައެއް ކަނޑައެޅިފައިވާއިރު، ދެ ޓީމުގެ ސަޕޯޓަރުން އެއްވެގެން ކުޅިބަލަންޖެހިއްޖެ ނަމަ ދިމާވެދާނެ ސަލާމަތީ ސަބަބުތައް ހުއްޓުވުމަށް ކަމަށެވެ.
ގަލޮޅު ދަނޑުގެ ދެކުނު ފަރާތު ސިޑިބަރިއަށް ސަޕޯޓަރުން ވައްދަނީ ލިމިޓު ކޮށްގެންނެވެ. އަދި އެ ފަރާތުގެ ސިޑިބަރީގެ މައްޗައް އެއްވެސް ގޮތަކަށް ސަޕޯޓަރުންނެއް ނުވައްދައެވެ. އެއާއެކު ގަލޮޅުދަނޑަށް ސަޕޯޓަރުން މި މުބާރާތަށް ވެއްދޭ އަދަދު ވަނީ ބޮޑުތަނުން މަދުވެފައެވެ.