05 Oct 2021, 22:36
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ގްރޭޓާ މާލެ ސަރަހައްދުން ނެގި 1،403 ސާމްޕަލްގެ ތެރެއިން 30 މީހަކު ޕޮސިޓިވް ވެއްޖެއެވެ.
އެޗްޕީއޭން ބުނާ ގޮތުގައި މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މިހާރު ހުރީ އެންމެ ޕަސެންޓެއްގައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ރާއްޖެއިން 91 މީހަކު ކޮވިޑަށް މިއަދު ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން 53 މީހަކާއި މާލެއިން 30 މީހުންނެވެ.
މީގެ އިތުރުން، ރިސޯޓުތަކުން ހަތް މީހަކު ޕޮޒިޓިވްވެފައިވާއިރު ސަފާރީތަކުން ވެސް އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެއިން 3،805 ސާމްޕަލް ނަގައިފައިވެއެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،379އެވެ.
މި ބަލީގައި 15 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި މި ބަލިން 83،574 މީހުން ވަނީ މިހާރު ރަނގަޅުވެފައެވެ.
ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 232އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ގިނަ ބަޔަކު މިހާރު ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. އެގޮތުން މުޅި ޖުމުލަ 343،337 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ. އަދި 392،681 މީހުން ވަނީ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ.