މިނިމަމް ވޭޖުގެ ގޮތުގައި މަސައްކަތްތެރިންނަށް ދޭނެ އެންމެ ދަށް މުސާރަ މިނިމަމް ވޭޖު ބޯޑުން ކަނޑައަޅައިފިއެވެ.

މިނިމަމް ވޭޖް ބޯޑުގެ މެމްބަރެއް "ސަން"އަށް ވިދާޅުވީ މިނިމަމް ވޭޖުގެ ގޮތުގައި ދޭނެ އަދަދުތަކާ ގުޅޭގޮތުން އެ ބޯޑުން ދޭ ލަފާ ދީފައިވާކަމަށެވެ. މިހާރު އެ ބޯޑުން ކަނޑައަޅައި ނިންމާފައިވާކަމަށެވެ. އަދި މިހާރު އެ ލަފާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ހުށަހަޅައިފައިވާކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

"އެހެންވީމާ އަނެއްހެން ކަނޑައެޅިފައި އެއޮތީ. މިނިސްޓަރު ގޮތެއް ނިންމުން ދެން މި އޮތީ،" އޭނާ ވިދާޅުވިއެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށް ހާއްސަކޮށްގެން ކަމަށް އެ ބޯޑުގެ މެމްބަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމުގައި ބަލާފައިވާނީ ގާނޫނުގައި އެކަން ކުރުމަށް ބުނެފައިވާ ގޮތަށްކަމަށެވެ. އަދި ވޭޖް ކަނޑައަޅާފައިވަނީ ގަޑިއިރަކަށް ޖެހޭ ވަރު ބެލުމަށްފަހު ކަމަށް އޭނާ ބުންޏެވެ.

"ކުދި ފަންތީގެ ދާއިރާތަކަށް 26.4 ލާރި، ދެން މެދު ފަންތިއަށް 33.65 ލާރި، މަތީ ފަންތިއަށް 42.79 ލާރި،" އޭނާ ބުންޏެވެ.

އެހެންކަމަށް ވާނަމަ ކުދި ފަންތީގެ ދާއިރާތަކުގައި އަށް ގަޑިއިރު މަސައްކަތްކުރާ މީހުންނަށް މަހަކަށް 6،000އަށްވުރެ މަތީ މުސާރައެއް ލިބޭނެއެވެ.

ސިވިލް ސާވިސް މުވައްޒަފުން ހިމެނެނީ މެދު ފަންތީގެ ދާއިރާގައިކަމުން، ކޮންމެ ދުވަހަކު ހަ ގަޑި އިރު މަސައްކަތްކުުރާނަމަ 7000 ރުފިޔާއަށް ވުރެ ދަށް ނޫން މުސާރައެއް ލިބޭނެއެވެ. އަދި މަތީ ފަންތީގެ ދާއިރާތަކުގައި އަސް ގަޑި އިރު މަސައްކަތްކުރާ މަސައްކަތްތެރިންނަށް 10،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ.

އޭނާ އިތުރަށް ވިދާޅުވީ މުސާރަ ހަދާއިރު އެލަވަންސް ވެސް މުސާރައިގެ ތެރޭގައި ހިމެނިދާނެކަމަށެވެ. އެގޮތުން އަސާސީ މުސާރައިގެ ގޮތުގައި 70 ޕަސެންޓް ހިމަނަންޖެހޭއިރު އިތުރު އެލަވަންސްގެ ގޮތުގައި 30 ޕަސެެންޓް ހިމަނައިގެން މިނިމަމް ވޭޖް ގެ ގޮތުގައި ދޭ ފައިސާ ދެވިދާނެކަމަށް އޭނާ ބުންޏެވެ. އަދި އޯޓީ ހަދާއިރު ދެން ލިބޭ ފައިސާގެ އަދަދު ވެސް އިތުުރުވާނެކަމަށެވެ. އެއާއެކު މިއީ ހުރިހާ މަސައްކަތްތެރިންނަށް ވެސް ހެޔޮ ބަދަލެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިނިމަމް ވޭޖް ރަސްމީކޮށް ފާސްކޮށް އެ ދޭން ފަށާނީ މިނިމަމް ވޭޖް ބޯޑުގެ ލަފައާއި ނިންމުން މިނިސްޓަރު ބެއްލެވުމަށް ފަހު ނެރުއްވާ ގަރާރަކުންނެވެ.

ނަމަވެސް މިނިމަމް ވޭޖް ބޯޑުގެ މެމްބަރު މައުރޫފް ޒާކިރު މީގެ ކުރިން "ސަން"އަށް ވިދާޅުވީ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ހުށަހަޅާފައި ވަނީ ކުޑަ އަދަދުތަކެއް ކަމަށެވެ.

އަދި އެ ބޯޑުގެ ކަންކަން ނިންމަނީ މެޖޯރިޓީއަށް ބަލައިގެންކަމަށްވުމުން މަސައްކަތްތެރިންގެ ފަަރާތުން ހުށަހަޅާ އެއްވެސް ކަމެއް ފާސްނުވާކަމަށް މައުރޫފް ވިދާޅުވިއެވެ.