05 Oct 2021, 17:51
މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެ ބޭންކުން އެހީވާނެ ޕްރޮޖެކްޓުތައް ހޮވައިފިއެވެ.
އެ ބޭންކުން ވަނީ ތިން ވަނަ ކުއާޓާގައި ފަސް ޕްރޮޖެކްޓަކަށް އެހީވާން ނިންމައިފައެވެ. މީގެ ތެރޭގައި ހިމެނެނީ ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅާފައިވާ ޕްރޮޖެކްޓުތަކެވެ.
ކޮމިއުނިޓީ ފަންޑުން އެހީވާނެ ޕްރޮޖެކްޓުތައް
ބ. ކުޑަރިކިލުގައި ސޯލާ ލައިޓް ހަރުކުރުން
- ހއ. ތަކަންދޫގައި ފޮތްކިޔުމަށް ހާއްސަ ތަނެއް ތަރައްގީކުރުން
- ވ. ފެލިދޫގައި ޕިކްނިކް އޭރިއާއެއް ހެދުން
- ނ. މާޅެންދޫގައި މަސްކަނޑާތަނެއް ހެދުން
- ހއ. މޮޅަދޫގައި އިކޯލޮޖިކަލް ޕާކެއް ހެދުން
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކޮމިއުނިޓީ ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާހުރި ގިނަ ޕްރޮޖެކްޓުތަކަށް އެހީވާނެ ކަމަށެވެ. އަދި ކޮންމެ ކުއާޓާއެއްގައި ވެސް ހުށަހަޅާ ޕްރޮޕޯސަލްތަކުން ދައްކުވައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތައް ކުރަން ބޭނުން ވެފައިވާވަރު ކަމަށް އޭނާ ވިދާޅުވިއެވެ.
"މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބުނު. މިއިން ދައްކައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު. މިފަހަރު ކޮމިއުނިޓީ ފަންޑަށް ހޮވުނު ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން. އަދި މިދަތި އުނދަގޫ ހާލަތުގައިވެސް ރަށްރަށުގައި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން،" ސައީދު ވިދާޅުވި އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 55 ރަށެއްގައި ޕްރޮޖެކްޓުތައް ހިންގަން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓުތައް ހިންގުމަށް ކޮންމެ ޕްރޮޖެކްޓަކަށް 50،000 ރުފިޔާގެ އެހީ ދެއެވެ.