ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވިސް (އެޗްއާރްސީއެމް) ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގެ ޒިޔާރާތެއް ކޮށްފިއެވެ.

މި ޒިޔާރަތް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެޗްއާރްސީއެމް އިން ބުނި ގޮތުގައި މި ޒިޔާރާތުގެ މައިގަނޑު މަގްސަދަކީ، ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ތިބި މީހުންނާމެދު އަމަލު ކުރެވޭގޮތާއި، ތަނުގެ އާންމު ހާލަތާއި، ބަންދުގައި ތިބޭ މީހުންނާއިމެދު ހިނގާފާނޭ އެއްވެސް އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލެއް ހިގާތޯބެލުމާއި، އެފަދަ އަމަލަކަށް މަގުފަހިވާފަދަ ކަމެއް ހުރިތޯ ބެލުމެވެ.

މީގެ އިތުރުން މި ސެންޓަރުގައި ބައިތިއްބައިފައި ތިބޭ މީހުންނަށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި އެންޓި ޓޯޗާ ގާނޫނާއި ގައުމީ އަދި ބައިނަލްއަގްވާމީ އެހެނިހެން މިންގަނޑުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ހިދުމަތް ފޯރުކޮށްދޭތޯ ވެސް މި ޒިޔާރަތުގެ ތެރޭގައި ބަލައިފައިވާނެ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

ހަމައެއާއެކު އެ ތަނުގެ މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަދި ބައިނަލްއަގްވާމީ މުއާހަދާތަކުން ލިބެންޖެހޭ ރައްކާތެރިކަން މުވައްޒަފުންނަށް ލިބޭތޯ ބެލުމާއި މުވައްޒަފުންގެ އާންމު ހާލަތު އަދި މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުންވެސް މި ޒިޔާރާތުގެ މަގްސަދުގައި ހިމެނޭކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

މީގެއިތުރުން ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑު ތަކާއި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި މިފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބަންދުގަ ތިބޭ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ދެނެގަތުމަކީ ވެސް މި ޒިޔާރަތުގެ އެއް މަގްސަދު ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

މި ޒިޔާރާތުން ފާހަގަކުރެވުނު ކަންތައް ހިމެނޭ އަވަސް ކަރުދާހެއް ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ ހިދުމަތާއި، ރައީސް އޮފީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި އެހެނިހެން މުއައްސަސާތަކާ ހިއްސާކުރާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުންޏެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތާއެކު ބައްދަލުވުމެއް ބާއްވައި ރިޕޯޓުގައިވާ ހުށައެޅުންތައް ތަންފީޒު ވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ގަވާއިދުން ފޮލޯ-އަޕް ހެދުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުންޏެވެ.

މިއީ އެ ކޮމިޝަނުގެ ނޭޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކުޑަހުވަދޫ ސްޓޭޝަނަށް ކުރި ދެވަނަ ދަތުރެވެ.

2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ވެސް ކޮމިޝަނުގެ ނޭޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ވަނީ އެ ސްޓޭޝަނަށް ޒިޔާރަތްކޮށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗައް ރިއާއަތްކޮށް، އިސްލާހުކުރުމަށް ނުވަ ހުށަހެޅުމެއް ކަމާގުޅޭ އިދާރާއަށް
ހުށަހަޅާފައެވެ.