ވައްކަމުގެ ތުހުމަތުގައި ގދ. ގައްދޫން ފުލުހުން ޗެކް ކުރި ގެއެއްގެ ގިފިލީގެ ތެރޭގައި ބަނގުރާ ކައްކަމުންދަނިކޮށް އެކަމަށް ބޭނުން ކުރާ ސާމާނާއެކު ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 1:15 ހާއިރު ހައްޔަރު ކުރީ އުމުރުން 25 އަހަރާއި 28 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އަދި އެދެ މީހުން ރާ ކައްކަނިކޮށް ފެނިފައި ވަނީ އެމީހުން ދިރިއުޅޭ ގެއާއި އިންވެގެން ހުރި ބިދޭސީންތަކެއް ދިރިއުޅޭ ގެއްގެ ގިފިލި ތެރޭން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދިޔައިރު ވެސް އެމީހުންތިބީ ރާ ކައްކާށެވެ. އެވަގުތު އެގޭގައި ދިރިއުޅޭ ބިދޭސީންތައްވީ މަސައްކަތު ގޮހެވެ. ފުލުހުން ބުނީ މީގެ ކުރިން ވެސް ކުށުގެ ރިކޯޑް އޮންނަ އެ ދެ މީހުން ދިރިއުޅޭގެ ޗެކްކުރި އިރު ރާ ކެއްކުމަށް ބޭނުން ކުރާ ދެ ކުކަރާއި ހޮޅިތަކެއްގެ އިތުރުން ރާ ކޮންމެވެސް ވަރަކަށް ހުރި 20 ލީޓަރުގެ ހަމެއް ވެސް ފެނިފައިވާ ކަމަށެވެ.

އަދި ފުލުހުން އެ ގެއަށް ދާކަން އެނގުމުން ބައެއް ސާމާނު އެ ދެމީހުންގެ އަނބިން ފޮރުވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ގައްދޫން ވާހަކަ ދެއްކި މީހަކު ފުލުހުން މިއަދު ހައްޔަރު ކުރި ދެ މީހުންނަކީ އެއްބަނޑު، ދެބަފާ ދެމީހުން ކަމަށެވެ. އަދި އެ ދެމީހުންނަކީ ފުޅާ ދާއިރާއެއްގައި އެކަން ކުރަމުންދިޔަ ބައެއް ކަމަށް ވެސް އެމީހާ ބުންޏެވެ.

ރާއްޖޭގައި ބަނގުރާ އާންމު ވަމުންދާތީ ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވަން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުއްމަދު ޖަމީލު އަހުމަދު ވިދާޅުވެފަ އެވެ.