މަނީ ލޯންޑާ ކުރިކަން ސާބިތުވެ, ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފައިވާއިރު، ރިސެސްއަށް ދިއުމުގެ ކުރިން ހުކުމް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފިއެވެ.

އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ ޖެނުއަރީ 21، 2021 ވަނަ ދުވަހެވެ.

ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގައި ވަނީ ދިގު އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައެވެ. ދިފާއުން ރައީސް ޔާމީންގެ ފަރާތުން ވަނީ ގާނޫނީ ނުކުތާތަކެއް ނަގައި ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލް ކޮށްދިނުމަށް އެދިފައެވެ. ދިފާއުގެ ހުރިހާ ކަމަކަށް ދައުލަތުން ވަނީ ރައްދު ވެސް ދީފައެވެ.

އިސްތިއުނާފަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއިރު، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް ވެސް އިސްތިއުނާފް ކުރި ފަރާތުން އެދުނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށް ދެވެން ނެތް ކަމަށެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ފަސްކޮށްދިނުމަށް ވެސް ދިފާއުން އެދުނެވެ. އެކަން ވެސް ކޮށްދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމިއިރު، ރައީސް ޔާމީންގެ ފަރާތުން އެދުނު ކަންތައްތަކުގެ ތެރެއިން އެ ފަރާތުން އެދުނު ގޮތަށް ނިންމާފައިވަނީ އެންމެ ކަމެކެވެ. އެއީ ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކޮށްދިނުމެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން، މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ސުޕްރީމް ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން ހުކުމް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރިސެސްއަށް ދާން ދެން އޮތީ 56 ދުވަސް ކަމަށް ވެސް ވިދާޅުވިއެވެ.