މުދައްރިސުން އަދާކުރައްވަނީ ގައުމީ ހިދުމަތުގެ ވަރަށް މުހިންމު ވާޖިބެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތޯބުގައި ރައީސް ވިދާޅުވީ ގައުމުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބަޔަކީ މުދައްރިސުން ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތްތަކަށް ތައުރީފު ކުރައްވާ އެބޭފުޅުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މުދައްރިސުން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި މުޅި ގައުމު އެ ބޭފުޅުންނަށް ޝުކުރުވެރިވާނެކަން ޔަގީންވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މުޖްތަމައަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް މުދައްރިސުން އަދާކުރައްވާ ދައުރު ބޮޑު ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އަދި މުޖުތަމައުގެ ޒުވާން ޖީލު ސަލާމަތްކުރުމުގައި ވެސް މުދައްރިސުން އަދާކުރައްވަނީ ވަރަށް މުހިންމު ޒިންމާއެއްކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ހިތޯބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ތައުލީމީ އުމުރުފުރާގެ އާބާދީއަށް މިވަގުތު ސަމާލުކަން ދޭންޖެހެނީ، ކޮން ދާއިރާތަކަކުންތޯ ވިސްނައިލުމަށް ބާރުއަޅުއްވާފައެވެ.

އަދިހަމަ އެޔާއެކު، މަސްތުވާތަކެތީގެ ވަބާއިން ގައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމާއި، ހަރުކަށި ފިކުރުތަކާއި ހަރުކަށި އަމަލުތަކުން، ޅަދަރިން ސަލާމަތްކުރުމަކީ ގައުމީ ފެންވަރުގައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަންޖެހިފައިވާކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މުޖުތަމައުގެ ނޭދެވޭ ކަންކަން އިސްލާހުކުރުމަށާއި ދަރިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ އަށަގަންނުވައި އިސްލާމީ ރިވެތި އަހުލާގާއި، އިޖްތިމާއީ އަދަބު އިހުތިރާމުގެ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތުކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު ބާރު އެޅުއްވިއެވެ.