14:30


ސިޔާސީ ބައެއް ބޭފުޅުން، އެކަހެރިކޮށްފައިވަނީ އެބޭފުޅުންގެ ސަލާމަތަށާއި މުޅި ރާއްޖޭގެ މަޞްލަޙަތަށްޓަކައި ކަމަށާއި، އެކަން އެގޮތަށް ކޮށްފައިވަނީ މިވަގުތަށް ކުރަން މަޖުބޫރު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ސަރުކާރުން މިހާރު އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލައްވައި އެމަނިކުފާނުގެ މިއަދުގެ ރޭޑިއޯ ހިތާބުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، މިކަމަށް ޙައްލެއް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ސަރުކާރަށް މަޖުބޫރުވާ ކަމުގަ އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙް މިއަދު މިވަނީ ވަރަށް ބޮޑަށް ކިލަނބުވެފައި ކަމާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ވަރަށް ގިނަ ގޮންޖެހުންތަކަކާ މިއަދު ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުން، އެކަހެރިކޮށްފައިވާ ކަމަށާއި އެކަން އެގޮތަށް ކުރަން ސަރުކާރުން ނިންމީ، އެކަން އެހެން ނުކޮށްފިނަމަ، ދެން ދިމާވެދާނެ ނުރައްކާތަކާއި ގެއްލުންތަކާއި އަދި ކުރިމަތިވެދާނެ ނުރަނގަޅު ކިތަންމެ ކަމެއް އަންދާޒާ ކުރެއްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮރަޕްޝަނަކީ ރާއްޖޭގެ ރައްޔިތުން އިންތިހާއަށް އެކަމާ ނަފްރަތުކުރާ ކަމެއްކަމާއި، މިދިޔަ ހަފްތާގައި ބޭއްވި ޞުލްޙަވެރި ހިނގާލުމުން، ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގެ ވަރަށްގިނަ ބަޔަކު ޢަމަލީގޮތުން ކޮޅަށް ތެދުވެ ތިބިކަން ހާމަވެގެން ހިނގައްޖެ ކަމުގައި ވިދާޅުވި އެވެ. އަދި އެކަހެރި ކޮށްފައި ތިއްބެވި ބޭފުޅުން، އެގޮތަށް މިވަގުތު ތިއްބަވާނެ ކަމާއި، ސަރުކާރުން އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިވަގުތު ރާއްޖެއަށްޓަކައި އަދި ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ކުރައްވަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެ، އެކަންކަން ކުރެއްވުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން، ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ. އަދި ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމެއް ހިންގަން ފެށުނުތާ އަދި މާގިނަ ދުވަސްނުވާކަން ފާހަގަކުރައްވަމުން، އެފަދަ ނިޒާމެއް ތަޞައްރުފު ފުދިގެން އަންނައިރު، އޭގެ ތެރެއިން ނުވެނުދާނެ ކިތަންމެ ކަމެއް، އަދި ކުރިން އަންދާޒާ ކުރެވިފައިނުވާ ކިތަންމެ ކަމެއް ކުރިމަތިވާނެ ކަމަށް އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާ ރޭޑިއޯ ހިތާބު ނިންމަވައިލެއްވީ، އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވެފައިމިވާ ކަންކަމުން ނުކުމެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށާއި، އެ ބޮޑު މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވަމުންނެވެ. އަދި ހިނގަން އޮތް މަގު ކިތަންމެ އުނދަގޫ ކަމުގައި ވިޔަސް ވެސް، އެ ދަތިތަކުން އަރައިގަނެވި، އެމަގުން ހިނގޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމުގައި ވެސް ވިދާޅުވަމުންނެވެ.