މުދައްރިސުން ކުރާ ބުރަ މަސައްކަތުގެ ވާހަކަ އަހަރެމެން ދައްކަމުއެވެ. ފިލާވަޅުތަކަށް ތައްޔާރުވުމެވެ. ލެސަން ޕްލޭން ތައްޔާރުކުރުމެވެ. މަސައްކަތްތައް ތައްޔާރުކޮށް ފޮތްތައް މާކު ކުރުމެވެ. ހަފްތާ ރިޕޯޓުތަކާއި އެޓެންޑެންސް ރިޕޯޓުތައް ހެދުމެވެ. މީމިސް މަސައްކަތް ވެސް މެއެވެ. މި ހުރިހާ މަސައްކަތަކީ ކްލާހަށް ވަދެ ކިޔަވައިދިނުމުގެ އިތުރުން މުދައްރިސުން ކުރާ މަސައްކަތުގެ ބައެކެވެ.

މުދައްރިސުން މި ހުރިހާ ބުރައެއް ކޮނޑު އަޅައި އުފުލަމުން އައީ އެންމެ ފުރިހަމައަށެވެ. ނަމަވެސް 2020 ވަނަ އަހަރު ރާއްޖެއަށް ކޮވިޑްގެ ރާޅެއް ބިންދާލުމާއެކު ސުކޫލުތައް ބަންދުކުރަން ޖެހުނެވެ. ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދާން މަޖުބޫރުވިއެވެ. އެކަމަށް އަހުލުވެރިވެފައި ނެތް ނަމަވެސް މުދައްރިސުން ތިބީ ދަރިވަރުންގެ ހައްގުގައި ވާން ޖެހުނު ގުރުބާނީއެއް ވުމަށް ތައްޔާރަށެވެ. ގޮންޖެހުންތަކާއެކު ވެސް އެކަން ވަރަށް ފުރިހަމަކަމާއެކު މުދައްރިސުން ކުރިއެވެ.

ގޮންޖެހުންތައް ގިނަ

އޮންލައިން ސިސްޓަމަކަށް މުދައްރިސުންނާއި ދަރިވަރުން ވެސް ކުރިމަތިލީ މުޅިން އަލަށެވެ. ގިނަ މުދައްރިސުން ފާހަގަކުރާ ގޮތުގައި އޮންލައިންކޮށް ކިޔަވައިދިނުމާއި ކްލާހަށް ގޮސް ކްލާސްތައް ނަގައިދިނުމާ ވަރަށް ތަފާތެވެ. ސަބަބުތައް ބައިވަރެވެ. ދެ ކަމުގައި ރަނގަޅު ކަންކަން އެބަހުއްޓެވެ. އަދި ރަނގަޅު ކުރެވިދާނެ ކަންކަން ވެސް އެބަހުއްޓެވެ.

ލ. ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އަލްތާނީ ސުކޫލުގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފާއިދާ އަބްދުއްރަހީމް ވަނީ އޮންލައިން ކިޔަވައިދިނުމުގައި އޭނާގެ ތަޖުރިބާ "ސަން" އާ ހިއްސާކޮށްފައެވެ. ފާއިދާ ކިޔައިދިން ގޮތުގައި އޮންލައިންކޮށް ކްލާސް ނަގައިދިނުމުގައި ގިނަ މުދައްރިސުންނަށް އެންމެ އުނދަގޫ ކަމަކަށް ދިމާވަނީ ކުދިންގެ ޝައުގުވެރިކަން ހޯދުމަށެވެ. ކްލާހުގައި ކިޔަވަން އިނުމާއި ގޭގައި އިނދެ ކިޔެވުމުގެ ތަފާތު އެކަމުން ވެސް ފެނިގެން ދިޔަ ކަން އޭނާ ފާހަގަކުރިއެވެ.

އޮންލައިން ކްލާސްތައް ބެލެނިވެރިންނަށް ވެސް ވެގެން ދިޔައީ ވަރަށް އާ ކަމަކަށެވެ. ކުދިން ކްލާހަށް ވަނުމަށްފަހު ގިނަ ބެލެނިވެރިންނަށް ކުދިންގެ އަމަލުތައް ގިނަ ފަހަރަށް މޮނިޓާ ނުކުރެވެއެވެ. ކެމެރާއާއި މައިކު އޮފް ކޮށްލައިގެން ބައެއް ކުދިން ތިބޭ މައްސަލަތަކެއް ވެސް ދިމާވެފައިވާ ކަން ފާއިދާ ފާހަގަކުރެއްވިއެވެ.

"ކޮވިޑް ދުވަސްވަރު އެންމެ އުނދަގޫކަމަކަށް ދިމާވި ކަމަކީ ކުދިންނަށް ފިލާވަޅުތައް ޑެލިވާކޮށްދިނުން. ސަބަބަކީ ހުރިހާ ބެލެނިވެރިންނަކީ މިފަދަ ކަމަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ނުވުން. އަދި ކޮންމެ ކުއްޖެއް އަތުގަ ޓެބްލެޓު ނެތުމާއި އިންޓަނެޓުގެ މައްސަލަތައް ވެސް ވަރަށް ގިނަ ކުދިންނަށް ދިމާވޭ" ފާއިދާ ބުންޏެވެ.

ކުރިއަށް ވުރެ ގިނަ ވަގުތު ހޭދަކުރަންޖެހޭ

މުދައްރިސުންގެ މަސައްކަތް ބުރަ ކަމީ އަހަރެމެން އެންމެން ދަންނަ ހަގީގަތެކެވެ. ކޮވިޑާއެކު ގޭގައި މަސައްކަތް ކުރަން ޖެހުމުން ގިނަ ބަޔަކު ގަބޫލު ކުރީ މުވައްޒަފުން ކުރަން ޖެހޭ މަސައްކަތްތައް މަދުވާނެ ކަމަށެވެ. ހައްޓަށް ލުއި ވެގެން ދާނޭ ކަމަށެވެ. މުވައްޒަފުން ގޭގައި "މަސައްކަތެއް ނުކޮށް ތިއްބާ" މުސާރަ ދެނީ ކަމަށް ބުނެ ވެސް ގިނަ ބަޔަކު އަޑުއުފުލިއެވެ.

ކަން މިހެން އޮތް ނަމަވެސް ގިނަ މުދައްރިސުންގެ ވާހަކައަށް ބަލާއިރު އޮންލައިންކޮށް ކިޔަވައިދިނުމުގައި އުފުލަންޖެހޭ ބުރަ ވަކި ކުޑައެއް ނޫނެވެ. ކިޔަވައިދިނުމަށް ކުރަން ޖެހޭ މަސައްކަތް މަދެއް ނުވެއެވެ. ކްލާސްރޫމުގައި ނަގައިދޭ ފިލާވަޅަށް ވުރެ އޮންލައިން ކޮށް ކިޔަވައިދޭ ފިލާވަޅުތައް ކުދިންނަށް ނަގައިގަންނަން އުނދަގުލެވެ. ސަމާލުކަން ކުޑައެވެ. ބައެއް ފިލާވަޅުތައް ކުދިންނަށް ނަގައިގަނެވެން ދެން ރިޕީޓުކޮށް ވެސް ކްލާސްތައް ނަގަން ޖެހިފައި އެބަހުއްޓެވެ.

ސީއެޗްއެސްސީގެ ބައޮލޮޖީ މުދައްރިސެއް ކަމަށްވާ ނާދިން އަބްދުއްރައްޒާގް "ސަން" އަށް ކިޔައިދިން ގޮތުގައި އޮންލައިން ކޮށް ކްލާސްތައް ނަގައިދިނުމަކީ ގޮންޖެހުންތައް ގިނަ މަސައްކަތެކެވެ. އެގާރަ އަހަރަށް ވުރެ ގިނަ ދުވަސް މި ދާއިރާގައި ހޭދަކޮށްފައިވާ ނާދިން މިކަން ސިފަކޮށްފައިވަނީ އޭނާގެ ކިޔަވައިދިނުމުގެ ހަޔާތުގައި ދިމާވި އެންމެ ފާހަގަކޮށްލެވުނު ކަމުގެ ގޮތުގައެވެ.

"ފުލް ލޮކްޑައުން އަކަށް ދިއުމުން އަޅުގަނޑުމެންނަށް ހަމަ ކިޔަވައިދޭން ވެސް ޖެހުނީ ގޭތެރޭގަ އެއުޅޭ ހުރިހާ އެންމެނާއެއްކޮށް، އެ މާހައުލުގެ ތެރޭގަ. އެ އަސްލު ވަރަށް އުނދަގޫ. ގޭތެރޭގަ އުޅޭ ކުޑަކުދިންނާއި ކުރިއަށް ދާ ހުރިހާ ކަމަކާއެކު ކިޔަވައިދިނުން އެއީ ހަމަ ޗެލެންޖިން ކަމެއް" ނާދިން ކިޔައިދިނެވެ.

މިފަދަ އެތައް ކަމަކާއެކު ގޭތެރޭގައި އަމިއްލަ ދަރިން ގެންގުޅެމުން ލޯބިވާ ދަރިވަރުންނަށް ކިޔަވައިދިނުމުގައި މުދައްރިސުން ފަހަތަކަށް ނުޖެހެއެވެ. އަގުބޮޑު އިންޓަނެޓާއި އަޑުގަދަ ގޭތެރެއިން ވެސް ކިޔަވައިދިނުމުގައި ހީވާގި މުދައްރިސުން އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނާޅައެވެ.

އޮންލައިން ކްލާސްތަކުގެ ފައިދާ

އޮންލައިން ކްލާސްތައް ނަގައިދޭން ކިތަންމެ އުނދަގޫވެފައި ގިރާ ކުރަން ޖެހުނު ހުރަސްތަކެއް ހުރި ނަމަވެސް ދަރިވަރުންނަށް މިކަމުން ބައެއް ފައިދާތަކެއް ކޮށްފައިވާކަން ބައެއް މުދައްރިސުން ފާހަގަކުރެއެވެ.

އިސްކަންދަރު ސުކޫލުގެ ޕްރައިމަރީ ޓީޗަރެއް ކަމަށްވާ އައިމިނަތު ސިޔާނާ ވަނީ އޮންލައިން ކްލާސްތަކުގެ ސަބަބުން ދަރިވަރުންނަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަން ފާހަގަކޮށްފައެވެ. ސިޔާނާ އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ އޮންލައިން ކްލާސްތަކަށް ފަހު އަލުން ކްލާސްތަކުގައި ކިޔަވައިދޭން ފެށުމުން ދަރިވަރުން ފިލާވަޅު ނަގައިގަންނަން އައިސްފައިވާ ހެޔޮ ބަދަލެވެ. އެގޮތުން މިހާރު ގިނަ ކުދިން ފިލާވަޅުތައް އަވަހަށް ދަސްވެ، އަމިއްލައަށް ފިލާވަޅު ހަދަން ކުރިއަށް ވުރެ ބޮޑަށް މަސައްކަތް ކުރާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި އަހަރު ކްލާސް އަލުން ފެށުނު އިރުގަ އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ އޮންލައިން ކްލާސްތައް ގެންގޮސްފައި ހުރި އިރުގަ ކުދިންގެ ޓޯކިން ބައި ވަރަށް ބޮޑަށް ރަނގަޅު ވެފަ ހުރީ. އަނެއްހެން ކުދިން އެއްޗެހި ވަރަށް ބޮޑަށް ރީޑް ކޮށްފަ ހުރި ކަން ފާހަގަކޮށްލެވޭ. އެއީ އެހެން އަހަރުތަކާ ބަލާއިރު މި އަހަރު ޑިސްކަޝަން ޓައިމްގަ ވަރަށް ޕްރޮޑަކްޓިވްކޮށް އަންނަނީ. ވަރަށް ފަސޭހައިން ކުރިއަށް ގެންދެވޭ"

ސިޔާނާ ވިދާޅުވީ ކުދިން ކިޔަވަން އަމިއްލައަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ހުރުމުގެ ހެޔޮ އަސަރު ކޮށްފައި ހުރި ނަމަވެސް އޮންލައިން ކްލާސްތަކުގައި ބައެއް ފިލާވަޅުތައް ކުރިއަށް ގެންދަންވާ ގޮތަށް ގެންދެވިފައިނުވާ ކަމަށެވެ. އެގޮތުން ކްލާހުގައި ކުރާ ބައެއް މަސައްކަތްތަކުގައި ކުދިން ފަރުވާ ކުޑަކުރެވޭ ކަހަލަ ބައެއް މައްސަލަތައް ހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ.

ބެލެނިވެރިންނަށް ވެސް އަސަރުތަކެއް!

އޮންލައިންކޮށް ކުދިންނަށް ކިޔަވައިދިނުމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ބަޔަކީ ބެލެނިވެރިންނެވެ. މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި ކޮންމެ ގެއެއްގައި ކުދިން ކިޔަވަން ތިބޭނެ އެކަށީގެންވާ މާހައުލެއް ގާއިމްވެފައެއް ނެތެވެ. އިންޓަނެޓުގެ މައްސަލަތައް އިންތިހާއަށް ގިނައެވެ. ގިނަ ތުއްތު ކުދިންނަކީ ޓެކްނޮލޮޖީއާއި އެހެނިހެން އޮންލައިން ވަސީލަތްތަކަށް ފަރިތަ ކުދިންނެއް ވެސް ނޫނެވެ.

މި ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހުނީ ބެލެނިވެރިންނަށެވެ. ކޮންމެ ދުވަހަކު ކްލާސް އޮންނަ ގަޑިއަށް ހުސްވެގެން ބެލެނިވެރިން ތިބެނީ ކުދިންނަށް އެހީވުމުގައެވެ. ކްލާސް މަސައްކަތްތައް ލިބުމުން މަސައްކަތްތައް ފުރިހަމަކޮށްދޭން އެހީވެދިން ބަޔަކީ ވެސް ބެލެނިވެރިންނެވެ. އުނގެނުމަކީ ހަމައެކަނި ސުކޫލަކުން ކުރެވޭނެ ކަމެއް ނޫން ކަން އޮންލައިން ކްލާސްތަކުން ހާމަކޮށްދިނެވެ.

އުމުރުން ނުވަ އަހަރުގެ ކުއްޖަކާއި ހަތް އަހަރުގެ ކުއްޖެއްގެ ބެލެނިވެރިއަކު ކިޔައިދިން ގޮތުގައި އެންމެ އުނދަގޫކަމަކަށް ދިމާވީ ކުދިން އެއް ތަނެއްގައި ގިނަ ވަގުތު ތިބެން ޖެހުމުންނެވެ. ގޭތެރޭގެ މާހައުލު އޮންނަ ގޮތުން ވަރަށް ގިނަ ފަހަރަށް ކުދިންގެ ސަމާލުކަން އެހެން ކަންތައްތަކަށް ހުއްޓޭ ކަން އޭނާ ފާހަގަކުރިއެވެ.

އިތުރު ބެލެނިވެރިއަކު ކިޔައިދިން ގޮތުގައި އޭނާ ކޮންމެ ދުވަހަކު ވެސް އޭނާގެ ތިން ކުދިންގެ ކްލާސް ގަޑީގައި ކައިރީ އިނދެ ފިލާވަޅުތަކުގައި އެހީތެރިވެދޭން ޖެހެއެވެ. އުނދަގޫކަމެއް ނަމަވެސް ގޭތެރޭގެ ހާލަތު އޮތް ގޮތުން އެ ގޮތަށް މަޖުބޫރު ކަން އޭނާ ފާހަގަކުރިއެވެ.

މިކަމާ ގުޅޭ ގޮތުން "ސަން" އިން ވާހަކަ ދައްކާލި ހުރިހާ ބެލެނިވެރިން ވެސް ފާހަގަކުރާ އެއް ކަމެއް އެބައޮތެވެ. އެއީ ކޮންމެ ދުވަހަކު ކްލާސް ގަޑިއަށް ކުއްޖާއަށް ފިލާވަޅު ހެދުމާއި އެހެނިހެން ކަންކަމުގައި ބެލެނިވެރިން އުޅެން ޖެހުނު ހާލުގެ ވާހަކައެވެ. އަދި އެންމެ ކުއްޖެއްގެ މަސައްކަތުގައި އެހާ ބުރައިރު ކޮންމެ ދުވަހަކު އެތައް ގަޑިއިރަކު އެއް ކްލާހެއްގައި ތިރީހެއް ހާ ކުދިންނަށް ކިޔަވައިދިނުމަށް މުދައްރިސުން ވާ ގުރުބާނީގެ ވާހަކައެވެ. އެ މުދައްރިސުންގެ ކުޅަދާނަކަމުގެ ވާހަކައެވެ.

ދިމާވާ ކޮންމެ ކާރިސާއެއްގައި ކޮންމެ ބަލިމަޑުކަމެއްގައި މުދައްރިސުން ތިބީ ހުރިހާ ވަގުތެއް ދަރިވަރުންނަށްޓަކައި ހުސް ކުރަން ތައްޔާރަށެވެ. ކޮވިޑް-19 ގެ އަނދަވަޅަށް ދުނިޔެ ވެއްޓުނުއިރު އެކަން މުދައްރިސުން މި ވަނީ ސާބިތުކޮށްދީފައެވެ. އިލްމީ ނޫރުން ގައުމު ހުޅުދާން ކޮށްލަން ކުރިމަތިވާ ހުރިހާ ހުރަސްތައް ކަޑައްތުކުރުމަށް މުދައްރިސުން ތިބީ ތައްޔާރަށެވެ.

މުދައްރިސުން ދިވެހި ގައުމަށްޓަކައި ކޮށްދެއްވާ އަގުހުރި މަސައްކަތުގެ ވާހަކައަކީ ގުނާ އަގު ކުރެވޭނެ ފަދަ ހިދުމަތްތަކެއް ނޫނެވެ. އަދި އެއީ އެތައް ހާސް ޝުކުރިއްޔާއަކުން އަގު އަދާކުރެވޭނެ ވެސް އަގުހުރި ހިދުމަތެއް ވެސް ނޫނެވެ.