28 Sep 2022, 09:12
މިހާތަނަށް ނެރުނު އެންމެ މަގުބޫލު އެއް ވީޑިއޯ ގޭމަށް ބިނާކޮށް ތައްޔާރުކުރާ "ދަ ލާސްޓް އޮފް އަސް" ޓީވީ ޝޯގެ ފުރަތަމަ ޓްރެއިލާ އެންމެ ފަހުން އާންމުކޮށްފިއެވެ.
"ލާސްޓް އޮފް އަސް" ނަމަކަށް ކިޔާ ގޭމަށް ބިނާކޮށް އެ ނަމުގައި ލައިވް އެކްޝަން ޓީވީ ޝޯއެއް އުފެއްދުމަށް ނިންމައި އެޗްބީއޯ އިން އެކަން އިއުލާނު ކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. އެއަށްފަހު ގޭމްގެ ފޭނުން އަންނަނީ އެ ޝޯއަށް ކެތްމަދުވެ އިންތިޒާރު ކުރަމުންނެވެ. އަދި ގޭމާ ހިލާފަށް ބަދަލުކުރާނެ ކަންތައްތައް ބެލުމަށް ފޭނުން ތިބީ ބޭނުންވެފައެވެ.
އެންމެ ފަހުން އެޗްބީއޯއިން ވަނީ ޝޯގެ ފުރަތަމަ ޓްރެއިލާ ދައްކާލާފައެވެ. ޓްރެއިލާއިން ޝޯގެ ދުނިޔެ އާއި މައިގަނޑު ކާސްޓުން ވަނީ ދައްކާލާފައެވެ. އަދި ގޭމްގެ ސަސްޕެންސް އާއި ބިރުވެރިކަން ވަނީ ޝޯގެ ޓްރެއިލާއިން ވެސް އިހުސާސު ކުރުވާފައެވެ.
ލާސްޓް އޮފް އަސް އަކީ ކުއްލި ގޮތަކަށް ދުނިޔެއަށް ފެތުރޭ ވައިރަހެއްގެ ސަބަބުން "ޒޯމްބީސް" ޒާތުގެ އެއްޗެހިތަކެއް އުފެދިގެން އައުމާއެކު ކަންތައް ވެގެންދާ ގޮތް ދައްކުވައިދޭ ގޭމެކެވެ. މި ގޭމުގައި އަލިއަޅުވާލާނީ ޖޯލް އާއި އެލީގެ ދިރިއުޅުމަށެވެ. ޖޯލްގެ އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅު އެލީ ބަލަން ޖެހި އޭނާ ސަލާމަތްކޮށް ދެމީހުންގެ ދެމެދުގައި ބައްޕައާއި ދަރިއެއްގެ ދެމެދުގައި އޮންނަ ގުޅުން އުފެދޭ މަންޒަރު ގޭމުން ފެނިގެންދާނެއެވެ.
ޖޯލްގެ ރޯލުން ޝޯގައި ފެނިގެންދާނީ ޕެޑްރޯ ޕާސްކަލްއެވެ. އަދި އެލީގެ ރޯލުން ފެނިގެންދާނީ ބެލާ ރާމްޒޭއެވެ. މި ޝޯ ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.