28 Feb 2012, 15:34
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚު އިލްޔާސް ހުސޭނާއިބެހޭ ގޮތުން ހަގީގަތާއި ޚިލާފު ދޮގުވާހަކަތައް ނުފެތުރަން އަދާލަތުން އެމްޑީޕީއަށް މިއަދު ގޮވާލައިފި އެވެ.
އަދާލަތުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ރޭ ލޮނުޒިޔާރަތް ކޮޅުގައި ޝައިހް އިލްޔާސްއާއި ބެހޭގޮތުން ދެއްކެވި ޙަޤީޤަތާއި ޚިލާފް ދޮގުވާހަކަތައް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށާއި، ހަގީގަތާއި ހިލާފު ވާހަކަތައް ނުދެއްކެވުމަށް އެމްޑީޕީ އަށް ގޮވާލާ ކަމަށެވެ.
"އަދި މި ފަދަ ހީލަތްތެރި މަކަރުވެރި ރޭވުންތަކަށް ސަމާލުވެ ވަޑައިގެން ތިއްބެވުމަށް ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަން،" އަދާލަތުން ނެރުނު ބަޔާނުގައި ވެއެވެ.
އަދާލަތުން ބުނެފައިވަނީ އެފަދަ ވާހަކަތަށް ފެތުރުމުގެ މަގުސަދަކީ ރައްޔިތުން ދީނީ ދަރުސްތަކާއި ދުރުހެލިކޮށް ދީނާ ދުރަށް ގެންދިއުމަށް ކަމަށެވެ. އަދި ލާދީނީ ޙަރަކާތެއްގެ ތެރެއިން ދައްކާ އެ ވާހަކަތަކަކީ ގޮތް ނޭނގޭ މަކަރުވެރި ބަޔަކު އަޑީގައި ތިބެ އެ ފަރާތްތަކުގެ ރޭވުމުގެ ދަށުން ރާއްޖޭގައި ތިއްބެވި އިސްލާމް ދީނުގެ ޢިލްމުވެރިންގެ އަގު ވައްޓާލުމަށްޓަކައި އެމްޑީޕީން ހިންގާ ވިޔާނުދާ އަމަލެއް ކަމަށެވެ.
"މި މީހުންގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ރައްޔިތުން ބައިބައި ކުރުވާ، އިސްލާމްދީނާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން،" ބަޔާނުގައި ވެއެވެ.
ރޭ ލޮނުޒިޔާރަތް ކޮޅުގައި ވާހަކަފުޅު ދައްކަވަމުން ރީކޯ މޫސަ ވިދާޅުވީ އިލްޔާސް މިސްކިތަށް އަރައިފިއްޔާ ހުރިހާ މީހުން އެ މިސްކިތަކުން ފައިބައިގެން ދާންޖެހޭނެ ކަމަށެވެ. އަދި އިލްޔާސް އެއްވެސް މިސްކިތްތެގައި ތަގުރީރު ދެއްވުމަށް ނޫޅުއްވުމަށެވެ.
އެމްޑީޕީގެ ސަރުކާރު ވެއްޓިގެން ދިޔައީ ޝައިހް އިލްޔާސް ފުލުހުންނާއި ސިފައިންނަށް ދެއްވި ދީނީ ތަގުރީރުތަކުގެ ސަބަބުން ކަމަށް މޫސަ ތުހުމަތު ކުރެއްވި އެވެ.
މޫސަ ޝައިހު އިލްޔާސް އަރާ މިސްކިތްތަކަށް ނޭރުމަށް ގޮވާލާ ފައިވާއިރު މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ވިދާޅުވުމަށް ޝައިޚް އިލްޔާސް މިންބަރަށް އެރުއްވުމާއެކު 10 ވަރަކަށް މީހުންވަނީ އިސްލާމިކް މަރުކަޒުން ފައިބައިގެން ގޮސްފަ އެވެ.