ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގައި މިއަދު މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވިފައި އޮތް އިންޑިއާ އަތުން ޕޮއިންޓެއް ހޯދައި، ބަންގްލަދޭޝް ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު މިވަގުތު ތާވަލުގެ އެއްވަނައިގައި ބަންގްލަދޭޝް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ރާއްޖެ އަތުން ތިން ޕޮއިންޓް ހޯދި ނޭޕާލްއެވެ. އެކަމަކު މިރޭ ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ނޭޕާލް އެއްވަނައަށް ޖެހިލާނެއެވެ.

މިވަގުތު ތިންވަނައިގައި އޮތީ މިއަދުގެ މެޗުން ޕޮއިންޓެއް ލިބުނު އިންޑިއާއެވެ. ރާއްޖެއާއި ލަންކާ އޮތީ ޕޮއިންޓެއް ނުލިބި ފުލުގައެވެ.

މިއަދުގެ މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔަ އިންޑިއާއިން ފުރަތަމަ ހާފުގައި ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދައިފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ މެދަކާ ހަމައިން އިންޑިއާއިން ވަނީ ލީޑު ނަގައިފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ އެގައުމުގެ ރެކޯޑް ގޯލް ސްކޯރާ އަދި ކެޕްޓަން ސުނިލް ޗެތުރީއެވެ.

ބަންގްލަދޭޝްއިން ކައުންޓާ އެޓޭކްތަކުގައި ނުރައްކާ ކުރަމުންދިޔައިރު، އެ ޓީމުން ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ މެޗުގައި ތަނަވަސްކޮށްފައެވެ. އެގޮތުން 51 ވަނަ މިނަޓުގައި ބަންގްލަދޭޝްގެ ފޯވާޑް ރަކީބް ހުސައިން މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

އެއަށްފަހު ބަންގްލަދޭޝްއަށް މެޗު އިތުރަށް އުނދަގޫވީ 53 ވަނަ މިނަޓުގައި އެ ޓީމުގެ ޑިފެންޑަރު ބިޝްވަނަންތް ގޯޝްއަށް ރަތް ކާޑު ދެއްކުމުންނެވެ. އެންމެ ފަހަތަށް ހުރި ބިޝްވަނަންތް ގޯޝްއަށް ރަތް ކާޑު ދެއްކީ އިންޑިއާގެ ކުޅުންތެރިއެއްގެ ޖާޒީގައި ހިފަހައްޓައި އެ ޓީމަށް ގޯލު ޖަހާނެ ފުރުސަތު ނަގައިލުމުންނެވެ.

އެއްކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ބަންގްލަދޭޝްއިން އެއަށްފަހު އިތުރު ހިތްވަރަކާ އެކު ކުޅެ، ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. މެޗުގެ ފަހު އަތަށް އަޅާލިއިރު، އިންޑިއާގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔައިރު، ބަންގްލަދޭޝްއިން ވަނީ އޭގެ ފައިދާ ވަރަށް ބޮޑަށް ނަގައިފައެވެ.

އެގޮތުން އެ ޓީމުން ވަނީ 73 ވަނަ މިނަޓުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލަކީ ޑިފްލެކްޓު ވެގެން އައި ކޯނަރަކުން ޔާސިން އަރަފާތު ކާމިޔާބު ކުރި ގޯލެކެވެ.