Last Updated:
4 year 2 month ago

ސާފް ޗެމްޕިއަންޝިޕް: އިންޑިއާ 1 - 1 ބަންގްލަދޭޝް

    ބުލޮގު ޚުލާސާ

    އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު ބައްދަލުކުރާ ދެ ޓީމަކީ މި ސަރަހައްދުގެ އެންމެ އާބާދީ ބޮޑު ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ބަންގްލަދޭޝް އެވެ.

    ފުޓުބޯޅައަށް ބަލާއިރު އިންޑިއާއަކީ މި ސަރަހައްދުގެ އެއްވަނައެވެ. އަދި ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކޮށްފައިވާ ގައުމެވެ. އެ ޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދައިފަ އެވެ.

    އިންޑިއާ އަދި ބަންގްލަދޭޝް ވަނީ މިހާތަނަށް 30 ފަހަރު ބައްދަލުކޮށްފައެވެ. މީގެތެރެއިން އިންޑިއާ މޮޅުވެފައިވަނީ 16 ފަަހަރެވެ އަދި ބަންގްލަދޭޝް މޮޅުވެފައިވަނީ ދެ ފަހަރެވެ. ދެ ޓީމު އެއްވަރުވީ 12 ފަހަރެވެ. ސާފް ޗެމްޕިއަންޝިޕުގައި މި ދެ ޓީމު މިހާތަނަށް ވަނީ ނުވަ ފަހަރު ބައްދަލުކޮށްފަައެވެ. މީގެން އެއްވެސް ފަހަރު އިންޑިއާގެ މައްޗަށް ބަންގްލަދޭޝް އަށް ކުރިއެއް ނުހޯދެއެވެ.

    އިންޑިއާގެ ކޯޗަކީ ސާފް ޗެމްޕިއަންޝިޕްގައި ފެންނާނެ އެންމެ ތަޖުރިބާކާރު ކޯޗު އީގޯ ސްޓިމަކްއެވެ. ކޯޗެއްގެ ގޮތުގައި ސްޓިމަކްގެ އެންމެ ބޮޑު ކާމިޔާބަކީ 2014 ގެ ވޯލްޑް ކަޕަށް އޭނާގެ އަމިއްލަ ގައުމު ކްރޮއޭޝިއާ ކޮލިފައިކޮށް ދިނުމެވެ. އެކަމަކު އެ މުބާރާތުގައި ގައުމީ ޓީމަށް ކޯޗު ކޮށްދޭނެ ފުރުސަތެއް ކްރޮއޭޝިއާގެ އެފްއޭ އަކުން އޭނާ އަށް ނުުދެއެވެ.

    އުރީދޫ ސާފް ޗެމްޕިއަންޝިޕް އިންޑިއާ ކުޅޭ މެޗު ޝެޑިއުލް
    - އޮކްޓޯބަރު 4 (ހަވީރު): ބަންގަލަދޭޝް - އިންޑިއާ

    - އޮކްޓޯބަރު 7 (ހަވީރު): އިންޑިއާ - ސްރީ ލަންކާ

    - އޮކްޓޯބަރު 10 (ރޭގަނޑު): ނޭޕާލް - އިންޑިއާ

    - އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ދިވެހި ރާއްޖެ

    ބަންގްލަދޭޝްގެ ވަގުތީ ކޮޗު އޮސްކާ އަކީ ސާފްގައި ފެންނާނެ ކޯޗުންގެ ތެރެއިން ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި އެންމެ ތަޖުރިބާ ބޮޑު ކޯޗެވެ. ސަރަހައްދުގެ ދެ ގައުމުގެ ޑޮމެސްޓިކް ލީގު ޗެމްޕިއަނެވެ. އޮސްކާއާ ގައުމީ ޓީމު ހަވާލު ކުރީ ކުރިއަށް އޮތް ދެ މަހަށެވެ.

    އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ކުޅޭ މެޗުތައް
    - އޮކްޓޯބަރު 1 (ހަވީރު): ސްރީ ލަންކާ - ބަންގަލަދޭޝް

    - އޮކްޓޯބަރު 4 (ހަވީރު): ބަންގަލަދޭޝް - އިންޑިއާ

    - އޮކްޓޯބަރު 7 (ރޭގަނޑު): ދިވެހިރާއްޖެ - ބަންގަލަދޭޝް

    - އޮކްޓޯބަރު 13 (ހަވީރު): ބަންގްލަދޭޝް - ނޭޕާލް

    17:49

    މެޗު ނިމުނީ. އިންޑިއާ 1 - 1 ބަންގްލަދޭޝް

    17:40

    އިތުރު ވަގުތުގެ ހަތަރު މިނަޓު ރެފްރީ ދައްކައިފި. އިންޑިއާ 1 - 1 ބަންގްލަދޭޝް.

    17:39

    މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ އިނީ 10 މިނަޓު. އިންޑިއާ 1 - 1 ބަންގްލަދޭޝް

    17:36

    10 ކުޅުންތެރިންނާއެކު ކުޅެމުން އަންނަ ބަންގްލަދޭޝްއިން އިންޑިއާގެ ހަމަލާތައް ހުއްޓުވުމަށް ބުރަ މަސައްކަތްތަކެއް ދަނީ ކުރަމުން.

    17:34

    '76:00 - ބަންގްލަދޭޝްއިން ބަދަލެއް. ރާކިބްގެ ބަދަލުގައި ކުޅެން ނުކުތީ ރަހްމަތު މިއާ.

    17:33

    '75:00 - އިންޑިއާ 1 - 1 ބަންގްލަދޭޝް

    17:32

    އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ބަންގްލަދޭޝްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޔާސިން އަރަފާތު.

    17:30

    '73:00 - ބަންގްލަދޭޝް ގޯލް

    17:25

    "70:50 - ބަންގްލަދޭޝް ޓީމުން ބަދަލެއް. މިއަދުގެ މެޗުގައި މޮޅަށް ކުޅުނު މަތީން މިއާގެ ބަދަލުގައި ކުޅެން ނުކުތީ ސުމޮން މިޒާ

    17:24

    މި މެޗުން ބަލިވެއްޖެ ނަމަ ބަންގްލަދޭޝްއަށް ޕްރެޝަރު ބޮޑުވާނެ. ދެން މެޗެއްގައި އެ ޓީމު ވާދަކުރާނީ ރާއްޖެއާ ދެކޮޅަށް.

    17:21

    '65:00 - ސުނިލް ޗެތުރީ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީންދޫ ކާޑެއް ރެފްރީ ދައްކައިފި.

    17:20

    '62:00 - އިންޑިއާއިން އަނެއްކާވެސް ބަދަލެއް. އެ ޓީމުގެ އުދަންތާ ސިންގް ކުމާމްގެ ބަދަލުގައި ކުޅެން ނުކުތީ ރަހީމް އަލީ.

    17:18

    '60:00 - އިންޑިއާއަށް ލީޑު ފުޅާކުރަން ރަނގަޅު ދެ ފުރުސަތެއް ކައިރި ކައިރީގައި ލިބިގެން ގޮސްފި. ދެ ފަހަރު ވެސް ބަންގްލަދޭޝްގެ ކީޕަރު ވަނީ ދިފާއުކޮށްފައި.

    17:14

    60:00 - އިންޑިއާ ޓީމުން ބަދަލެއް. ލިސްޓޮން ކޮލާކޯގެ ބަދަލުގައި ކުޅެން ނުކުތީ ލަލެންގްމާވިއާ.

    17:13

    ބަންގްލަދޭޝްއިން މި ހާފުގެ ބޮޑުބައި ކުޅެން ޖެހޭނީ 10 ކުޅުންތެރިންނާއެކު.

    17:11

    '53:00 - ބަންގްލަދޭޝްގެ ޑިފެންޑަރު ބިޝްވަނަންތް ގޯޝްއަށް ރަތް ކާޑު. މިއީ އިންޑިއާގެ ފޯވާޑް ޖާޒީގައި ހިފެހެއްޓުމުން އޭނާއަށް ދިން ރަތް ކާޑެއް.

    17:09

    '51:00 - ބަންގްލަދޭޝްއަށް ރަނުގެ ފުރުސަތެއް. އެ ޓީމުގެ ފޯވާޑް ރަކީބް ހުސައިން މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށް. މިއީ މުޅި މެޗުގައި ވެސް ބަންގްލަދޭޝްއަށް ލިބުން އެންމެ ހުސް ފުރުސަތު.

    17:08

    '50:00 - އިންޑިއާ 1 - 0 ބަންގްލަދޭޝް

    17:06

    ދެވަނަ ހާފްގެ ކުޅުން ފަށައިފި

    16:50

    ފުރަތަމަ ހާފުގެ ކުޅުން ނިމުނީ. އިންޑިއާ 1 - 0 ބަންގްލަދޭޝް

    16:46

    އިންޑިއާގެ ފުރަތަމަ އެގާރަ

    ބަންގްލަދޭޝްގެ ފުރަތަމަ އެގާރަ

    16:44

    '44:00 - މިއަދުގެ މެޗުގައި ބަންގްލަދޭޝްއިން ކުޅެމުން ދަނީ ކައުންޓާ އެޓޭކް ސްޓައިލަކަށް. އެ ޓީމުން މިހާތަނަށް ނުރައްކާތެރި ދެ ހަމަލާއެއް ވަނީ އުފައްދައިފަ/

    16:43

    ބަންގްލަދޭޝް ހިމެނެނީ މި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މިވަގުތު ފީފާ ރޭންކިންގެ ފަސްވަނައިގައި. އެ ގައުމު ވަނީ 1993 އިން ފެށިގެން މިހާތަނަށް ކުޅުނު ބާރަ މުބާރާތުގެ ތެރެއިން އެގާރަ ސާފް ޗެމްޕިއަންޝިޕެއްްގައި ވާދަކޮށްފަައި.

    16:41

    މިއަދުގެ މެޗުގެ ފުރަތަމަ އެގާރަ

    16:41

    '40 - އިންޑިއާ 1 - 0 ބަންގްލަދޭޝް

    16:39

    މިއަދުގެ މެޗު ފަށައިގެން ގިނަ ހަމަލާތަކެއް އުފައްދަމުން އަންނަނީ އިންޑިއާއިން. އިންޑިއާއިން އެ ޓީމުގެ ފުރަތަމަ ގޯލު ޖަހައިދިނީ އެ ޓީމުގެ ތަޖުރިބާކާރު ކެޕްޓަން ސުނިލް ޗެތުރީ.

    16:37

    ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އަދި ބަންގްލަދޭޝް ބައްދަލު ކުރާ މެޗުގެ ލައިވް ބްލޮގަށް މަރުހަބާ!