28 Feb 2012, 15:26
ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓާ ބްރޫސް ލެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރާއްޖެ އާއި ކެނެޑާއާ ދެމެދު ތަރައްގީގެ އެކި ދާއިރާތަކުގައި އެއްބާރުލުން އިތުރު ކުރެއްވުމާ ބެހޭގޮތުންނާއި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އިންތިހާބެއް ބޭއްވުމަށް އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށާއި، އެހެންނަމަވެސް އެކަން ކުރެވެން އޮތީ ގާނޫނީ ހަމަތަކުގެ މަތިން ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖެއަށް މިވަގުތު އެންމެ މުހިންމީ އަމަންއަމާންކަން ގާއިމުކުރުން ކަމުގައި ވެސް ވިދާޅުވި އެވެ.
ކެނެޑާ ސަފީރުގެ ވާހަކަފުޅުގައި މައްސަލަތައް ހައްލުކުރެއްވުމަށް ހުރިހާ ފަރާތްތަކުންވެސް މަޝްވަރާ ކުރުން އިސްކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ.