04 Oct 2021, 12:39
ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ޖެހިގެން މަރުވީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ މަރުވީ ރޭ ދަންވަރު 2:40ގައި ކަމަށެވެ.
އެ މީހާ މަރުވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
މަރުވި މީހާގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ ހުޅުމާލެ ސަހަރާގައި މިއަދު ހެނދުނު 8:00 ގައެވެ.
މި މީހާގެ މަރާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 232 އަށް އަރާފައިއެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ. އެއީ 80 އަހަރުގެ ފިރިހެނެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން 71 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 22 މީހަކާއި އަތޮޅުތަކުން ބަލި ޖެހުނު 45 މީހަކާއި ރިޒޯޓުތަކުން ޕޮޒިޓިވްވި ހަތަރު މީހަކު ހިމެނެއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ މިދިޔަ އަހަރުގެ މާޗް މަސް ތެރޭގައެވެ. އެއަށްފަހު މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 85،042 ކޭސް ފެނިފައެވެ.
މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖެގައި ހުރީ 1505 ކޭސްއެވެ.
މީގެ އިތުރުން ބައްޔަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބީ 18 މީހުންނެވެ.