ގަލޮޅު ގެއެއްގެ ފާހާނާތެރެއަށް އިއްޔެ ސިއްރުން ވިހެއި މީހާ އާއި ދަރިފުޅަށް ޖެންޑާ ޑިޕާޓުމަންޓުގެ އެހީއާއެކު ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. ނަމަވެސް އެ ދެ މައިންގެ އާއިލާއިން އެހީތެރި ކަމެއް ލިބެމުންދާ ކަމެއް ފުލުހުން ނުބުންޏެވެ. ގ. ޑުރޫޕް ގޭގެ ފާހާނާ ތެރެއަށް އިއްޔެ ސިއްރުން ވިހެއި ކ. ގުރައިދޫ އާއުފާމަންޒިލް އައިމިނަތު އަޒުފާ 27، އެވެ.

ޖެންޑާ ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ދެމައިންގެ ކަންތައްތައް ވަރަށް ކައިރިން ޖެންޑާ ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށެވެ. އެކަންތަކުގައި އެ އިދާރާއިން އެހީތެރިކަން ފޯރުކޮށްދެނީ ފުލުހުންނާ ގުޅިގެން ކަމަށާއި އެ މައްސަލާގައި ތަފްސީލް މައުލޫމާތު ދޭނީ ފުލުހުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ "އަންހެން މީހާ ބައިލިވެއިނދެ ވިހެއީ ނަހަލާލަށްތޯ ނުވަތަ ނޫންތޯ" އެ ސުވާލު ކުރިމަތި ކުރަމުންދާތީ އެކަން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލާގެ ތަފުސީލެއް ފުލުހުން ނުދެއްވަ އެވެ.

ދެ ދަރިންވެސް ތިބޭ އަޒުފާ ސިއްރުން ފާހާނާ ތެރޭ ވިހެއި މައްސަލަ ފުލުހުން ތަހުގީގު ކުރާއިރު އަޒުފާ އުޅުނު ގޭގެ މީހުން ބުނީ އޭނާ އުޅެނީ ކައިވެނިކޮށްގެން ކަމަށާއި ފިރިމީހާ ހުރީ ޖަލުގައި ކަމަށެވެ.

ޑުރޫޕް ގޭގެ ފާހާނާ ތެރެއަށް އަޒުފާ ވިހެއީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އެ މައްސަލަ ފަޅާއެރީ ފާހާނާ ތެރެއަށް ވިހެ ކުޑަކުއްޖާ ރޯއަޑު އެ ސަރަހައްދުގެ މީހުންނަށް އިވެން ފެށުމުން ފާހާނާ ބަލާ ޗެކް ކުރުމުންނެވެ. ފުލުހުންނަށް އިއްޔެ އެކަން ރިޕޯޓް ކުރުމާއެކު ފުލުހުންގެ ވަނީ އެ ދައިން އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އައިޖީއެމްއެޗުން ވެސް ބުނެފައި ވަނީ އެ ދެ މައިންގެ ހާލުވެސް ރަގަނޅު ކަމަށެވެ.