ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް މިނިސްޓަރު ޖަވާބު ދެއްވީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކަމަށް މަޖިލީހުގެ ރިޔާސަތުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ އަދާލަތު ޕާޓީގައި ޓެރަރިސްޓުންނާއި ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން ތިބިކަން ހޯމް މިނިސްޓަރަށް އެނގިވަޑައިގަންވާތޯއާއި އެކަމާ މެދު ފިޔަވަޅު ނާޅުއްވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގައި ޓެރަރިޒަމް ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭ އެއްވެސް މެންބަރަކުު ނުހުންނާނެ ކަމަށެވެ.

"ޓެރަރިސްޓަކު އަދި ހަރުކަށި ފިކުރުގެ، ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން އެ މީހަކާ މެދުގައި ފިޔަވަޅު އަޅަން ޖެހޭ އެއްވެސް މީހަކު، އަދާލަތު ޕާޓީގައި ބަހައްޓައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނުތިބޭނަން. އަދާލަތު ޕާޓީގެ ކޮމިޓީތަކުގެ ތެރެއިން މެންބަރުކަން އަޅުގަނޑުމެން ނިގުޅައިގަންނާނަން." މިނިސްޓަރު ވިދާޅުވިއެވެ.

އެ ސުވާލަށް މިނިސްޓަރު އިމްރާން ޖަވާބު ދެއްވި ގޮތުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މެންބަރު ޖާބިރު ސުވާލު ކުރެއްވީ ހޯމް މިނިސްޓަރާ ކަން މިނިސްޓަރަށް ހަނދާން ކޮށްދެއްވާފައެވެ.

"މެންބަރު ކުރެއްވީ ހޯމް މިނިސްޓަރާ ކުރެއްވި ސުވާލެއް. އަދާލަތު ޕާޓީގެ ލީޑަރަކާ ނޫން އަޅުގަނޑަށް ހީވަނީ ސުވާލު ކުރެއްވީކީ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދާލަތު ޕާޓީގެ ރައީސްއަކާ ނުވަތަ އަދާލަތު ޕާޓީގެ މެންބަރަކާ ސުވާލު ކުރުމުގެ އުސޫލެއް ކަނޑައެޅިފައެއް ވެސް ނުވާނެ." އީވާ ވިދާޅުވިއެވެ.

ރިޔާސަތުން މިކަން ފާހަގަކުރުމުން އެ ކަމަށް މިނިސްޓަރު އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު މިނިސްޓަރު ހާޒިރުކޮށްފައިވަނީ ޕޮލިސް ބޯޑާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.