04 Oct 2021, 09:06
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކޮށް ސައުވާ އުފުލުމަށް ރައްޔިތުންގެ އިއްތިހާދުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވައިފިއެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ އިސްލާމީ ޝަރީއަތާއި ގުރުއާން ތަހުޒީބުވެފައިވާ ކަމަށް ވިދާޅުވެ، އެހެން ދީންތަކުގެ މީހުންނަށް ރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތް ހެދުމަށް ގޮވާލާފައެވެ.
ޖާބިރު ވިދާޅުވީ ދިވެހިންނަކީ އެކި ގައުމުތަކުން "ބެހިގެން" ރާއްޖެއަށް އައިސް ތިބި "ވަކަރުގޭ ދަރިން" ކަމަށެވެ. އަދި ދިވެހިން ކިތަންމެ ރީތިކޮށް ހެދުން އެޅި ނަމަވެސް ދިރިއުޅުން ތަހުޒީބު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މި މައްސަލައިގައި ރައީސް އޮފީހަށާއި އިލްމުވެރިންގެ ގުޅުމަށް ވެސް ކޮޕީއެއް ފޮނުވައިފައިވާ އެ ސިޓީގައި ވަނީ، ކާށިދޫ ރައްޔިތުން ތަމްސީލު ކުރުމަށް ހުވާ ކޮށްގެން ހުންނަވައި، އިސްލާމް ދީނުގެ އަސްލުތަކަށާއި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް ވާހަކަ ދައްކައިފައިވާ ކަމަށެވެ.
މި ރާއްޖޭގައި ޣައިރު ދީންތަކަށް އުޅުމުގެ ފުރުސަތު ދޭން ގޮވާލާ ޖާބިރު މަޖިލީހުގައި ދެއްކި ވާހަކަތައް އިސްލާމިކް މިނިސްޓަރާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ވެސް ކުށްވެރި ކުރައްވައިފައިވާ ކަމަށް އެ ސިޓީގައި ވަނީ ފާހަކަ ކޮށްފައެވެ.
ޖާބިރު ހައްޔަރުކޮށް، ތަހްގީގު ކުރުމަށްފަހު ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އޭނާއާމެދު އެޅުމަށް ކާށިދޫ ކައުންސިލުން ވެސް ވަނީ ގޮވާލާފައެވެ.