04 Oct 2021, 12:01
ގަލްފުގެ އަރަބި ކުޑަ ގައުމެއްކަމަށްވާ ގަތަރުގައި ފުރަތަމަ ފަހަރަށް އިންތިޚާބެއް ބާއްވައި އެގައުމުގެ ޝޫރާ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން މިދިޔަ ހޮނިހިރު ދުވަހު އިންތިޚާބުކޮށްފައިވާއިރު އެއީ ޑިމޮކްރަސީގެ ނަމުގައި ކަންދެއްކުމަށް އެގައުމުގެ އަމީރު އެޅުއްވި ސިޔާސީ ފިޔަވަޅެއްކަމަށް މުހައްލިލުން ވަނީ ސިފަކުރައްވާފައެވެ.
ގަތަރުގެ ޝޫރާ މަޖިލީހަކީ ޕާލަމެންޓްއެއް ނޫނެވެ. އެއީ ގާނޫނީ ގޮތުން އެއްވެސް ބާރެއް އަދި ބުރަދަނެއްނެތް ހަމައެކަނި ގަތަރުގެ އަމީރަށް ލަފާއެރުވުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ މަޖިލީހެކެވެ. މި މަޖިލިސް މިހާތަނަށްއޮތީ އެމަޖިލީހުގެ މެންބަރުކަމަށް ގަތަރުގެ އަމީރު ބޭފުޅުން އައްޔަންކުރާ ގޮތަށެވެ.
ނަމަވެސް މިފަހަރު ބަދަލެއް ގެނަސް ޝޫރާ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން އިންތިޚާބުކޮށް އަނެއް ތިންބައިކުޅައެއްބައި މެންބަރުން އައްޔަންކުރާ ގޮތަށް ގަތަރުގެ އަމީރު ތަމީމު ބިން ޙަމަދު ބިން ޚަލީފާ އާލް ޘާނީ ނިންމެވި ނިންމެވުމަކީ ގަތަރުގައި ޑިމޮކްރަސީ އޮތްކަން ދެއްކުމަށް އެގައުމުން އެޅި ޑިމޮކްރަސީގެ ގޮތުން އެއްވެސް ބުރަދަނެއްނެތް ފިޔަވަޅެއްކަމަށް މުހައްލިލުން ސިފަކުރައްވައެވެ.

ގަތަރުގެ ޝޫރާ މަޖިލިސް
ގަތަރުގައި ބޭއްވި އިންތިޚާބު، ގަތަރުގެ އަލްޖަޒީރާއިންނާއި އެގައުމުގެ މަދަދު ލިބޭ އެހެން މިޑިއާތަކުން ސިފަކޮށްފައިވަނީ ޑިމޮކްރަސީގެ ނަމުގައި ގަތަރުގެ ސަރުކާރުން އެޅި އާދަޔާ ޚިލާފު ބޮޑު އަދި ބުރަދަންހުރި ފިޔަވަޅެއްގެ ގޮތުގައެވެ. އެހެން ގައުމުތަކުގައި ޚާއްސަކޮށް އަރަބި ގައުމުތަކަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލައި އެންމެ ބޮޑަށް ވަކާލާތުކުރާ ގައުމަކީ ގަތަރެވެ. އަދި ޑިމޮކްރަސީގެ ނަމުގައި ގައުމުތަކުގައި ފިތުނަ އުފައްދައި ހަމަޖެހުން ނަގާލުމަށް ޚަރަދުކުރާ ކަމުގެ ތުހުމަތުވެސް ގަތަރުގެ މައްޗަށް ވަނީ ކުރެވިފައެވެ.
ގަތަރުގެ މަސްއޫލުވެރިންވެސް އަރަބި އެހެންގައުމުތަކުގައި ފަރުދީ ވެރިކަން ނައްތާލައި ޑިމޮކްރަސީ ގެނައުމަށް ބާރުއަޅުއްވައި ވަރަށް ގިނައިން ވާހަކަ ދައްކަވަމުން ގެންދަވައެވެ.
ނަމަވެސް ގަތަރަކީވެސް ޑިމޮކްރަސީގެ ކަންފުޅެއްނެތި ގަލްފުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ވިރާސީ އަދި އާއިލީ ޚުދުމުޚްތާރު ރަސްކަމެއް ކުރަމުން ގެންދާގައުމެވެ. ގަތަރުން ޑިމޮކްރަސީގެ ނަމުގައި ފާޑުކިޔާ މިސްރާއި ސޫރިޔާފަދަ ގައުމުތަކުގައި އިންތިޚާބުކޮށްފައިވާ ޕާލަމެންޓެއް ނަމަވެސް އޮންނައިރު ގަތަރުގައި އެވަރުގެ ޑިމޮކްރެޓިކް ބާރެއްވެސް ރައްޔިތުންނަށް ދީފައެއް ނުވެއެވެ.
ގަތަރުގެ ޝޫރާ މަޖިލީހުގައި ހިމެނޭ 45 ގޮނޑީގެ ތެރެއިން އިންތިޚާބުކުރާ 30 ގޮނޑިއަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބުގައި 234 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު އޭގެތެރޭގައި 28 އަންހެނުން ހިމެނެއެވެ. ނަމަވެސް އަންހެން އެއްވެސް ބޭފުޅަކަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ގަތަރުގެ ޝޫރާ މަޖިލީހުގައި ހިމެނޭ އަނެއް 15 ގޮނޑިއަށް މެންބަރުން އައްޔަންކުރައްވާނީ ގަތަރުގެ އަމީރެވެ.

ގަތަރުގެ ޝޫރާ މަޖިލީހުގެ އިންތިޚާބުގައި އަންހެނުން ވޯޓުލަނީ
މުހައްލިލުން ވިދާޅުވެފައިވާ ގޮތުގައި ގަތަރުގެ ޝޫރާ މަޖިލީހަށް މިފަހަރު 30 މެންބަރުން އިންތިޚާބުކުރާ ގޮތަށް އެގައުމުގެ އަމީރު ނިންމަވައި އެކަން ތަންފީޒު ކުރެއްވީ 2023 ވަނައަހަރު ގަތަރުގައި ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާތީ ޑިމޮކްރަސީގެ ނަމުގައި ގަތަރުން ކުރާ ޕްރޮޕަގެންޑާތަކަކީ ހަގީގަތެއްކަމަށް ދެއްކުމުގެ ސިޔާސީ ރޭވުމުގެ ދަށުންނެވެ.
ގަތަރުގެ އަލްޖަޒީރާ ޓީވީ އާއި ގަތަރަށް ނިސްބަތްވާ އެނޫންވެސް މީޑީއާގެ ވަސީލަތްތަކުން އެހެން ގައުމުތަކުގައި ޑިމޮކްރަސީ އޮންނަންޖެހޭ ކަމަށް ބުނެ ޕްރޮޕަގެންޑާތައް ކުރަމުންދާއިރު ގަތަރުގައި އިންތިޚާބުކުރެވޭ ޕާލަމެންޓެއްވެސް ނެތުމުން ވޯލްޑްކަޕްގެ ދުވަސްވަރު ދުނިޔޭގެ ލޯތައް ގަތަރަށް އަމާޒުވާއިރު ގަތަރުގެ ބަހާއި އަމަލާ ދިމާނުވާކަން މިހާރަށްވުރެ ބޮޑަށް ދުނިޔެއަށް ހާމަވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.
2019 ވަނަ އަހަރު ގަތަރުން ފުރަތަމަ ފަހަރަށް މުނިސިޕަލް ކައުންސިލްތަކަށް މެންބަރުން ހޮވުމަށްވެސް އިންތިޚާބެއް ބޭއްވިއެވެ. ނަމަވެސް އިންތިޚާބެއް ބާއްވައިގެން އިންތިޚާބުކުރި މުނިސިޕަލް ކައުންސިލްތަކަށް ކަންކަން ނިންމުމުގެ ބާރުތަކެއް ނޯވެއެވެ. ހުރިހާ ބާރެއް އޮންނަނީ އާއިލީ ގޮތުންނާއި ވިރާސީގޮތުން ގަތަރުގައި ރަސްކަންކުރާ ހަމަދުބިން ޚަލީފާގެ އާއިލާގެ މެންބަރުންނަށެވެ. ނުވަތަ އެބޭފުޅުން އައްޔަން ކުރައްވާފައިވާ ވެރިންނަށެވެ.
އެހެންކަމުން 2019 ވަނަ އަހަރު ގަތަރުން މުނިސިޕަލް ކައުންސިލް އިންތިޚާބެއް ބޭއްވީވެސް މަތީގައި ދެންނެވި ސިޔާސީ ބޭނުމުގައި ކަމަށްވެއެވެ. އެއީ ގަތަރުގައި ޑިމޮކްރަސީ އޮންނަކަން ދެއްކުމުގެ ފެށުން ކަމަށްވެއެވެ. ގަތަރުގައި އިންތިޚާބުކުރި މުނިސިޕަލް ކައުންސިލްތަކަކީވެސް ކަންކަން ނިންމުމުގެ އެއްވެސް ބާރެއް ކައުންސިލް ތަކެކެވެ. އެކައުންސިލްތަކަކީ އެގައުމުގެ އަމީރު އައްޔަން ކުރައްވާފައިވާ ފަރާތްތަކުން ނިންމަވާ ނިންމުންތައް ތަންފީޒުކުރާ އިދާރީ މަޖިލިސްތަކެކެވެ.